ލަންޑަން (ޑިސެމްބަރު 19) - ޗެލްސީ ކޯޗުގެ މަގާމުގައި ދިގު މުސްތަގުބަލަކަށް ބަހައްޓަން އެންމެ ކަމުދާ ކޯޗަކީ އެ ޓީމުގެ މިހާރުގެ ވެސް ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ކަމަށް އެ ކްލަބްގެ އެންމެ ކާމިޔާބު ކެޕްޓަން ޖޯން ޓެރީ ބުނެފި އެވެ.
މި ސީޒަން ފެށުމުގެ ކުރިން ޓެރީ ވަނީ 19 އަހަރަށް ފަހު ޗެލްސީ ދޫކޮށްލައިފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކްލަބް އެސްޓަން ވިލާ އަށެވެ. ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޓެރީ ބުނީ ކޮންޓޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް އޭނާ މަގާމުން ދުރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ކޮންޓޭއާ އެކު އަހަރެން މަސައްކަތް ކުރިން. އަހަރެންގެ ނަޒަރުގައި ދިގު މުއްދަތަކަށް ޗެލްސީގެ ކޯޗަކަށް އެންމެ ރަނގަޅުވާނީ ކޮންޓޭ. ކޮންޓޭ ކުޅުންތެރިންނާ ބަހައްޓާ ގާތްކަމާއި އޭނާގެ ޓެކްޓިކަލް ވިސްނުން ވަރަށް ރަނގަޅު. ޗެލްސީގައި އޭނާގެ މުސްތަގުބަލާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެއްކިޔަސް އަހަންނަށް ހިއެއް ނުވޭ ކްލަބުން އޭނާ ދޫކޮށްލާނެހެން،" ޓެރީ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޗެލްސީއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.
ޓެރީ ބުނީ ސްކޮޑަށް ބަލާއިރު ޕްރިމިއާ ލީގުގައި ދެ ވަނަ އަށް އެންމެ ވަރުގަދައީ ޗެލްސީ ކަމަށެވެ.
"މި ވަގުތުގެ ޓެމްޕޯ އާއި އޮތް ފޯމަށް ބަލާއިރު ސިޓީ އެއް ވަނައިގައި އެ އޮތީ. ޔުނައިޓެޑް ދެ ވަނައިގައި އޮތަސް އަހަރެންގެ ނަޒަރުގައި ދެ ވަނަ އަށް އެންމެ ވަރުގަދަ ސްކޮޑެއް އޮތީ ޗެލްސީގައި. އިންޑިވިޖުއަލީ މޮޅެތި ކުޅުންތެރިން ގިނަ. އެޓޭކުގައި ވެސް ޑިފެންސުގައި ވެސް،" ޓެރީ ބުންޏެވެ.
މި ސީޒަން ފެށުމުގެ ކުރިން ކޮންޓޭ ވަނީ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން 2019 ގެ ނިޔަަލަށް އާ ކޮށްފަ އެވެ. ކޮންޓޭ ހޯދަން އިޓަލީގެ ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.