ލަންޑަން (ޖުލައި 3) - ބާވީސް އަހަރު ޗެލްސީ އަށް ކުޅުމަށް ފަހު އެ ޓީމުގެ އެންމެ ކާމިޔާބު ކެޕްޓަން ޖޯން ޓެރީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ އެސްޓަން ވިލާ އަށް ސޮއިކޮށްފި އެވެ.

އުމުރުން 36 އަހަރުގެ ޓެރީ އެސްޓަން ވިލާއާ ގުޅުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޓެރީ އަށް ހަތަރު މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭނެ އެވެ. އަދި އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގައެއް ލިބިއްޖެނަމަ ބޯނަހުގެ ގޮތުގައި ދެ މިލިއަން ޕައުންޑް ދޭން ވަނީ އެއްބަސްވެފަ އެވެ.

ޓެރީ ބުނީ އެސްޓަން ވިލާ އަށް އޭނާ ބަދަލުވިއިރު ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން އޭނާ އަށް ހުށަހެޅުން ލިބުނު ކަމަށެވެ.

"ޕްރިމިއާ ލީގުން ގިނަ ހުށަހެޅުންތަކެއް ލިބުނު. އެކަމަކު އަހަރެން ބޭނުމެއް ނޫން ޗެލްސީއާ ދެކޮޅަށް ކުޅެން. އެހެންވުމުން އެ ހުށަހެޅުންތަކަށް ފުރަގަސްދިނީ،" ޓެރީ ބުންޏެވެ. "އަހަރެން ޗެލްސީގައި ހޭދަކުރި 22 އަހަރަށްޓަކައި ފަހުރުވެރިވަން. އެ ޓީމުގެ އެންމެ ކާމިޔާބު ކެޕްޓަންގެ ގޮތުގައި އަހަރެން ވުމަކީ އިތުރަށް ލިބޭ ހިތްހަމަ ޖެހުމެއް."

ޓެރީ ހޯދަން މަސައްކަތް ކުރި އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކްލަބަކީ ބޯންމައުތު، ވެސްޓް ބްރޮމް އަދި ސްވަންސީ ސިޓީ އެވެ. އޭނާ ބުނީ އެސްޓަން ވިލާއާ ގުޅުނީ މުސާރައިގެ ވިސްނުމުގައި ނޫން ކަމަށެވެ.

"އަހަރެން އެސްޓަން ވިލާ އަށް ބަދަލުވީ މުސާރައިގެ ވިސްނުމުގައެއް ނޫން. މިއީ ވެސް ބޮޑު ތާރީހެއް އޮތް ކްލަބެއް. އަހަރެންނަށް ލިބުނު ހުށަހެޅުމާ މި ކްލަބް އޮތް ހާލަތުގެ ގޮތުން ޓީމަށް އެހީވެދިނުމުގެ ޝައުގުވެރިކަން ވެސް ހުރުމުން ސޮއިކުރީ،" ޓެރީ ބުންޏެވެ.

ކުރިން ބެލެވުނު ގޮތުގައި ޓެރީ އެސްޓަން ވިލާއާ ގުޅެނީ ކޯޗިންގެ ރޯލަކާ އެކު އެވެ. އެހެން ނަމަވެސް ޓެރީ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޗެލްސީގެ ސީނިއާ ޓީމަށް 1998 ވަނަ އަހަރު ކުޅެން ފެށި ޓެރީ ވަނީ އެ ކްލަބަށް ޖުމްލަ 713 މެޗު ކުޅެދީފަ އެވެ. މީގެ ތެރެއިން 578 މެޗު ކުޅެދިނީ ކެޕްޓަނުގެ ގޮތުންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނުނީ މަދު މެޗުތަކެއްގަ އެވެ.