ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް 2-2 އިން އެއްވަރުވި މެޗުގައި، އިލެކްޓްރޯނިކް ބޯޑު ހަލާކުވުމުގެ ސަބަބުން ބަދަލު ގެނައުން ލަސްވި މައްސަލައިގައި ލިވަޕޫލްގެ ކޯޗު އަންދޯނީ އިރައޯލާ ރުޅިގަދަވެއްޖެ އެވެ.
ލިވަޕޫލްގެ ކޯޗުގެ ގޮތުގައި އެންފީލްޑްގައި އިރައޯލާގެ ފުރަތަމަ ހޯމް މެޗުގައި ފޮރެސްޓުން ދެ ފަހަރު ކުރި ހޯދި އެވެ. ޕްރިމިއާ ލީގުގައި ފޮރެސްޓުން ލިވަޕޫލުގައި ވިދިވިދިގެން ތިން ވަނަ ފަހަރަށް މޮޅުވާން ދިޔަ ފުރުސަތު ވިކްޓޯ މުނިއޯޒް ވިޔަނުއޭވާ، 82 ވަނަ މިނެޓުގެ ޖެހި ގޯލުން ހުއްޓުވި އެވެ.
ފޮރެސްޓްގެ ދެ ވަނަ ގޯލު، މޯގަން ގިބްސް ވައިޓް ޖެހި ޕެނަލްޓީއަށް މަގުފަހިވުމުގެ ކުރިން އެއްފަހަރާ ތިން ކުޅުންތެރިން ބަދަލުކުރަން އިރައޯލާ އުޅުނެވެ. ބަދަލު ރެފްރީއަށް އިލެކްޓްރޯނިކް ބޯޑުގައި ކުޅުންތެރިންގެ ނަންބަރުތައް ދިއްލުމުގައި ކާމިޔާބެއް ނުލިބުނެވެ. ބަދަލުތައް ގެނައުން ލަސްވެގެން ދިޔަ އެވެ. އޭރު ބޯޅަ އޮތީ އެއްލުމަކަށް ބޭރުވެފަ އެވެ. ފޮރެސްޓްގެ ލިއަމް ޑެލަޕް އަވަހަށް ބޯޅަ އެއްލައި ކުޅުން އަލުން ފެށި އެވެ. ބޯޑަށް ކުރިމަތިވި މައްސަލަ ހައްލު ނުކުރެވި ވަގުތު ކޮޅެއް ހޭދަވި އެވެ.
"އެކަންވީ ގޮތުގެ ތަފްސީލެއް އަހަންނަކަށް ނުދެވޭނެ. ސަބަބަކީ އަހަރެންގެ އަތުގައިގައި ސަބަބެއް ނެތީމަ،" ހިތްހަމަނުޖެހިފައި ހުރެ އިރައޯލާ ބުންޏެވެ.
"އެ ބަދަލުތައް ގެންނަން އަހަރެން ބޭނުންވީ ގާތްގަނޑަކަށް ތިން މިނެޓު ކުރިން. ދޭއް، ތިނެއް، ހަތަރު ފަހަރު ބޯޅަ ބޭރަށް ދިޔަ. އޭނާ [ބަދަލު ރެފްރީ] އަށް ބޯޑާ ގުޅިގެން މައްސަލަތަކެއް ދިމާވި. އަހަރެން ބަދަލުތައް ގެނެސްފައި ހުރިނަމަ ޕެނަލްޓީއެއް ނުޖެހުނީސް ހެންހެން ހީވަނީ."
ފޮރެސްޓްގެ ޕެނަލްޓީ ލިބުނު ގޮތާމެދު އޭނާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެކަމަކު ވިދިވިދިގެން ދެ ވަނަ މެޗުން ވެސް ލިވަޕޫލުން ފެށުން ދޯހަޅިވީ އަމިއްލަ ޓީމުގެ ގޯސްތަކުން ކަމަށް އިރައޯލާ އެއްބަސްވި އެވެ.
"ފުރަތަމަ ހާފު ދިޔައީ ދޯހަޅިކޮށް. އެއީ އެއްގޮތަކަށް ހިތްހަމަޖައްސާލެވޭނެ ފެންވަރެއް ނޫން. ގޭމް ކޮންޓްރޯލެއް ނުކުރެވުނު. ދެ ވަނަ ހާފުގައި ވަރަށް ބޮޑަށް ރަނގަޅުވި... އެކަމަކު މެޗު ކާމިޔާބުކުރެވޭ ވަރެއް ނުވި. ފުރަތަމަ ހާފު މާބޮޑަށް ދޯހަޅިކޮށް ދިޔައީ،" އޭނާ ބުންޏެވެ.
"އަހަރެން މާޔޫސްވޭ. ހިތްހަމަނުޖެހޭ. ސަބަބަކީ އަހަރެމެން ބޭނުންވަނީ މޮޅުވާން. ހާއްސަކޮށް އަމިއްލަ ދަނޑުގައި. މިއީ ރަނގަޅު ނަތީޖާއެއް ނޫން. ދެ ފަހަރު ފަހަތުން އަރައި ދެ ވަނަ ހާފުގައި ކުޅުނު ގޮތް އަހަރެންނަށް ކަމުދޭ. އެކަމަކު އެނބުރި އައުން ފުރިހަމައެއް ނުކުރެވުނު."
މެޗުގެ ފުރަތަމަ ލީޑް ފޮރެސްޓަށް ނަގައި ދިނީ ޑާން އެންޑޯއި އެވެ. ދެވަނަ ހާފުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށް ދިނީ އެލެކްޒެންޑާ އިސާކް އެވެ.