ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޯހެއް ހަދާފައި ނުވާ ކަމަށް ބުނެ، ތާއީދުކުރަން ފުޓްބޯޅަ ލެޖެންޑް އަދި ކެމެރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ ނިންމައިފި އެވެ.
ވޯލްޑް ކަޕަށް ފަހު، ފީފާއިން އިއުލާން ކުރި ފީފާ ފޯވާޑް އެންޓަޕްރައިޒަސް ޕްލޭނާ ހެދި އިންފަންޓީނޯ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެ ޕްލޭނަކީ ވޯލްޑް ކަޕާއި ފީފާގެ އެހެންިހެން މުބާރާތްތަކުގެ ވިޔަފާރި ޕްރޮޖެކްޓްގެ ބައިތައް އަމިއްލަ ކުންފުނިތަކަށް ހިއްސާ ވއްކުމުގެ ޕްލޭނެކެވެ.
އިންފަންޓީނޯ، އެ މައްސަލައިގައި އަމަލު ކުރި ގޮތުން، ޔޫއެފާ އާއި އޭއެފްސީ އަދި ކޮންކާކަފުން ވަނީ އޭނާ އަށް އިތުބާރު ގެއްލިފައިވާކަމަށް ބުނެފަ އެވެ.
ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިން ހިމެނޭހެން ކުރީގެ ކުޅުންތެރިންގެ ގުރޫޕަކުން ވަނީ އިންފަންޓީނޯއާ ދެކޮޅަށް ބަޔާން ނެރެފަ އެވެ.
އެކަމަކު އެޓޫ ބުނީ އިންފަންޓީނޯއާ ދެކޮޅަށް މިހާރު ކުރިއަށްގެންދާ ކެމްޕޭނަކީ އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބާ ގުޅިގެން ހިންގާ ސިޔާސީ ކެމްޕޭނެއް ކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން ރައީސް ޖިއާނީ އިންފަންޓީނޯ ގޯސް ކަމެއް ކުރެއްވި ކަމަކަށް،" ސީއެންއެން އަށް، އެޓޫ ބުންޏެވެ.
"އަހަރެން ދެކޭގޮތުގައި މިކަންކަން މިގޮތަށް މިދިމާވީ އިންތިހާބެއް ކުރިއަށް އޮތުމުން."
އެޓޫ ބުނީ އިންފަންޓީނޯގެ ދައުރުގައި، ކުދިކުދި ގައުމުތަކުން ފުޓްބޯޅައިން ބޮޑެތި ކުރިއެރުންތަކެއް ހޯދޯފައިވާ ކަމަށެވެ. އަދި އެފްރިކާ ބައްރުގައި ވެސް ފުޓްބޯޅައިގެ ކުރިއެރުން ބާރު ސްޕީޑްގައި ދަނީ އިންފަންޓީނޯގެ ދައުރުގައި ކަމަށް އެޓޫ ބުންޏެވެ.
އޭނާ ބުނީ އިންފަންޓީނޯ ފުޓްބޯޅަ ބަދަލުކޮށްލި ކަމަށެވެ.
"ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފުޓްބޯޅައިގެ މަންޒަރު ބަދަލުކޮށްލައްވާފައި. އެންމެ ރީތި މުބާރާތް ކަމަށްވާ ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ނުލިބޭ ގައުމުތަކަށް އެ ފުރުސަތު އޭނާ ދެއްވައިފި. ކުދި ގައުމުތަކަށް މި މުބާރާތްތަކުގައި ޖާގަ ހޯއްދަވައިދެއްވި،" އެޓޫ ބުންޏެވެ.
"އޭނާ ވަނީ އަހަރެމެންގެ ބައްރަށް އެހީތެރިވެދެއްވާފަ. އަހަރެމެންގެ ފެޑެރޭޝަންތައް މާ ބާރަށް ކުރިއަރައިގެންދާން އޭނާ އެހީތެރިވެދެއްވި. މިކަން އަހަރެމެން ގަބޫލުކުރަން ޖެހޭ. އޭނާ ކުރައްވާފައިވާ ކަންކަން ގަބޫލުކޮށް ބަލައިގަންނަން ޖެހޭ. އަދި މިހާތަނަށް އޭނާ ކުރައްވާފައިވާ ހުރިހާ ކަމަކަށްޓަކައި، އަހަރެމެން އޭނާއަށް ސަޕޯޓް ދޭން ޖެހޭ."
އެފްރިކާ ބައްރުގެ އެހެން ގައުމުތަކުން ވެސް އިންފަންޓީނޯއަށް ތާއީދުއޮތްކަން ހާމަކުރަން އެޓޫ ގޮވާލި އެވެ.