އޮސްލޯ (ޖުލައި 14) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވުމާ އެކު އެނބުރި ގައުމަށް ދިޔަ ނޯވޭ ޓީމަށް ގިނަ ބަޔަކު އެއްވެ މަރުހަބާ ކިޔައިފި އެވެ.
ނޯވޭ ބަލިވީ އިންގްލެންޑާ ވާދަ ކޮށް އިތުރު ވަގުތު ކުޅެގެން 2-1 އިންނެވެ. އެއަށް ފަހު އިއްޔެ ގައުމަށް އެނބުރި އައުމުން މަރުހަބާ ކިޔުމަށް، ހަތް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އޮސްލޯ ގައި 100،000 އަށް ވުރެ ގިނަ މީހުން ރޯޔަލް ޕެލަސް ކައިރިއަށް އެއްވެ އުފާފާޅު ކުރި ކަމަށް މީޑިއާތަކުން ބުނެ އެވެ.
ފަސް މިލިއަނެއްހާ އާބާދީއެއް އޮންނަ ނޯވޭގެ ވެރިރަށުގައި ކުރިއަށް ގެންދިޔަ މި އުފާފާޅުކުރުންތައް ލީޑް ކުރީ އެ ގައުމުގެ ކްރައުން ޕްރިންސް ހާކޮން އެވެ. އެމެރިކާގައި ކުޅުނު ކުއާޓާ ފައިނަލް މެޗު ބަލަން ދަނޑަށް ވެސް އޭނާ ވަޑައިގެންނެވި އެވެ. ކިންގް ހަރާލްޑް ވެސް މި އުފާފާޅުކުރުންތަކުގައި ބައިވެރިވެވަޑައިގަތެވެ.
"މި ވަރުގެ ސަޕޯޓެއް ދޭތީ އެބަ އެނގޭ މި ގައުމު އަހަރެމެންނާ އެކު ސާބިތުކަމާ އެކު ތިބިކަން،" ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް ބުންޏެވެ.
ކުއާޓާ ފައިނަލަކީ ނޯވޭ އަށް މުބާރާތުގެ ތާރީހުގައި ވެސް މިހާތަނަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާ އެވެ.
ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ މި ވޯލްޑް ކަޕްގައި ގިނަ ބެލުންތެރިންގެ ސަމާލުކަން ހޯދައިފަ އެވެ. އޭނާ ވަނީ މުބާރާތުގައި އޭނާ ކުޅުނު ފަސް މެޗުން ހަތް ގޯލު ޖަހައިފަ އެވެ. ގޯލެއް ނުޖެހުނީ އެންމެ ފަހުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.