އުފަންދުވަހާ ގުޅޭ ހަދިޔާއަކަށް ބޭނުމީ، ފްރާންސް ބަލިކޮށް ފައިނަލުގެ ޖާގައެއް ކަމަށް، އިއްޔެ އުމުރުން 19 އަހަރުފުރުނު ލަމީން ޔަމާލް ބުނެފި އެވެ. 

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޔަމާލްގެ ސްޕެއިނުން މިރޭ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. 

އުފަންދުވަހާ ގުޅިގެން އޭނާ އަށް ލިބުނު ހަދިޔާއަކީ ކޮބައިތޯ، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިޔަކު ސުވާލުކުރުމުން، ބާސެލޯނާގެ ފޯވާޑް ބުނީ އޭނާ އަށް މާ ބައިވަރު ހަދިޔާތަކެއް އަދި ނުލިބޭ ކަމަށެވެ. 


"މިއަހަރުގެ އުފަންދުވަހާ ގުޅިގެން އަހަންނަށް އަދި މާބައިވަރު ހަދިޔާތަކެއް ނުލިބޭ. އެންމެ ފުރިހަމަ ހަދިޔާއަކަށް ވާނީ އަންގާރަ ދުވަހު (މިރޭ) މޮޅުވެ ނިއުޔޯކަށް (ފައިނަލް މެޗު ކުޅެން) ދިއުން،" އޭނާ ބުންޏެވެ. 

ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅޭ، ޔަމާލަށް އަދި ޖެހުނީ އެންމެ ލަނޑެކެވެ. އޭނާ އަށް ލަނޑު ނުޖެހޭތީ އޮތް ފާޑުކިޔުން ބޮޑެވެ. އެކަމަކު، ޔަމާލް ބުނީ އޭނާ އަށް ލަނޑު ނުޖެހިގެން މާޔޫސްނުވާ ކަމަށެވެ. 

"އަހަރެން ލަނޑު ޖެހުމަށް މާ ބޮޑު ސަމާލުކަމެއް ނުދެން. އެކަމަކު މިފަދަ މެޗެއްގައި ލަނޑު ޖެހުމަކީ އަބަދުވެސް ވަރަށް ހާއްސަ ކަމެއް. އަހަރެން މި ޗެލެންޖް ގަބޫލުކުރަން. އަހަރެން މިތަނަށް [މުބާރާތަށް] އައީ ވެސް އެ ސަބަބަށްޓަކައި،" ޔަމާލް ބުންޏެވެ. 

އޭނާ ބުނީ ފްރާންސާ ދެކޮޅަށް، ސްޕެއިނުން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

"އަހަރެމެންނަކީ ޔޫރަޕްގެ ޗެމްޕިއަނުން. މިއީ ހަމަ ސިމްޕަލް ފުޓްބޯޅަ،" އޭނާ ބުންޏެވެ.