މާލޭ ރީޖަންގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އެޓޯލްސް އެފްސީ އާއި ޖީބީ ސްޕޯޓްސް ކްލަބް ބައްދަލު ކުރާއިރު، ބްލޫ ސްޕޯޓްސް ކްލަބާއި ޓީއެފްޓީ ބައްދަލު ކުރަން ޖެހިއްޖެ އެވެ.

މާދަމާ ކުޅޭ މި ދެ މެޗު ވެސް ފަށާނީ ހަވީރު 4 ޖަހާއިރެވެ. މާފަންނު ޓާފް ދަނޑުގައި އެޓޯލްސް އާއި ޖީބީ ބައްދަލު ކުރާއިރު، ބްލޫ އާއި ޓީއެފްޓީ ބައްދަލު ކުރާ މެޗު ކުޅޭނީ ހެންވޭރު ދަނޑުގަ އެވެ.

ޖުމްލަ 21 ޓީމާ އެކު މި އަހަރުގެ ތިން ވަނަ ޑިވިޝަން ކުރިއަށް ގެންދިޔަ އިރު، އެޓޯލްސް އާއި ޖީބީ ވަނީ ގުރޫޕް ސްޓޭޖުގައި އެއް ގުރޫޕެއްގައި ވާދަ ކޮށްފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބު ކޮށް، ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ގުރޫޕް ބީގެ އެއް ވަނަ ހޯދީ އެޓޯލްސް އެވެ.

އެޓޯލްސް އެފްސީ.-- ފޮޓޯ: ޖޮޒީ
އެޓޯލްސް އެފްސީ.-- ފޮޓޯ: ޖޮޒީ

ފަސް ގުރޫޕުން ވެސް ގުރޫޕްގެ އެއް ވަނަ ހޯދި ޓީމުތަކުގެ އިތުރުން، ގުރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ތިން ޓީމަށް ވަނީ ކުއާޓާ ފައިނަލުން ޖާގަ ދީފަ އެވެ. ފަސް ވަނަ ގުރޫޕްގައި ފަސް ޓީމު އޮތުމުން، ގުރޫޕް ސްޓޭޖުގެ ޕޮއިންޓްތައް ގުނީ، އެންމެ ފުލަށް ދިޔަ މުއިވެޔޮ އެފްސީއާ ވާދަ ކުރި މެޗުގެ ނަތީޖާތައް ނުގުނަ އެވެ.

ޖީބީ ވަނީ ގުރޫޕް އޭގެ އެއް ވަނަ ހޯދި ފިއުޗާ ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް 2-0 އިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. އެޓޯލްސް ވަނީ ގުރޫޕް ޑީގެ ދެ ވަނަ ހޯދި އެމްޖީ ސްޕޯޓްސް ކްލަބާ ވާދަ ކޮށް 7-0 އިން މޮޅު ވެފަ އެވެ.

ޖީބީ ސްޕޯޓްސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ޖީބީ ސްޕޯޓްސް
ޖީބީ ސްޕޯޓްސް ކްލަބް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ޖީބީ ސްޕޯޓްސް

ބްލޫ ވަނީ ގުރޫޕް ސީގެ އެއް ވަނަ އަނާކީ ސްޕޯޓްސް ކްލަބާ ވާދަ ކޮށް 2-2 އިން އެއްވަރުވި ކުއާޓާގެ މެޗުގައި 5-2 އިން ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކޮށްފަ އެވެ. މި ދެ ޓީމު ވެސް ގުރޫޕް ސްޓޭޖުގައި އެއް ގުރޫޕެއްގައި ވަނީ ވާދަ ކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ޓީއެފްޓީ ވަނީ ގުރޫޕް އީ ގައި ވާދަކޮށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް ގުރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ކުއާޓާގައި އެ ޓީމު ވަނީ ގުރޫޕް ޑީގެ އެއް ވަނަ ހޯދި ހިންނަވަރު އެފްސީއާ ވާދަކޮށް 7-1 އިން މޮޅު ވެފަ އެވެ.

ބްލޫ ސްޕޯޓްސް ކްލަބް މެޗެއްގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ބްލޫ ސްޕޯޓްސް
ބްލޫ ސްޕޯޓްސް ކްލަބް މެޗެއްގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ބްލޫ ސްޕޯޓްސް

މިއީ ހަތަރު ޓީމު ވެސް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. ދަ ފުޓްސަލް ޓައުން (ޓީއެފްޓީ ސްޕޯޓްސް) އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޓްސަލްގައި މަގުބޫލުކަން ހޯދަމުން އަންނަ ކްލަބެކެވެ. ޖީބީ ސްޕޯޓްސް ކްލަބް ވެސް އަންނަނީ 2020 އިން ފެށިގެން ގިނަ ކުޅިވަރުތަކެއްގައި ކުރިއެރުން ހޯދަމުންނެވެ.

އެޓޯލްސް އެފްސީ އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްވެ ހުންނަވައި މީގެ ދެ އަހަރު ކުރިން 2023 ގައި ވުޖޫދު ކުރި ކްލަބެކެވެ. ހަމައެއާއެކު އަދި ބްލޫ ސްޕޯޓްސް ކްލަބަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ޗެއާމަން އަހުމަދު ވާސިފް އިސްވެ ހުންނަވައިގެން މިދިޔަ އަހަރު ވުޖޫދު ކުރި ކްލަބެކެވެ. ބްލޫ ވަނީ ތިންވަނަ ޑިވިޝަންގެ ކުރިން މި އަހަރުގެ އެފްއޭ ކަޕްގައި ވާދަ ކޮށްފަ އެވެ. އެފްއޭ ކަޕްގައި އެ ޓީމު ވަނީ ކްލަބް އީގަލްސް ބަލި ކޮށް ސެމީ ފައިނަލްގައި ކުޅެފަ އެވެ.

މި އަހަރުގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.