އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ނިއު ރޭޑިއަންޓުގެ 19 އަހަރުން ދަށުގެ ޓީމު 2-0 އިން ބުރު ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައި ތާވަލްގެ އެއް ވަނައަށް ޖެހިލި އިރު، ޓީސީ ސްޕޯޓްސް ކްލަބް މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު އިޒާން އަލީ ނިއު އަށް ލީޑު ނަގައިދިން އިރު ދެވަނަ ލަނޑު ފަހު 10 މިނިޓް ތެރޭ ކާމިޔާބު ކޮށްދިނީ ޒާކީ މުޖުތަބާ ޒާހިރެވެ.

ރޭ ކުޅުނު މެޗުގައި ޓީސީ ވަނީ 5-2 އިން ވ. ކެޔޮދޫ ޓީމް ބަލި ކޮށްފަ އެވެ. ނައްވާފް އަބްދުﷲ ނަޝީދާއި މުހައްމަދު ޔަނާލް ޔާސިރު އަދި އަލީ ހައިޒޫމް ހަސަން ޓީސީގެ ފުރަތަމަ ތިން ލަނޑު ޖަހައިދިން އިރު، ފުރަތަމަ ހާފު ނިމެނިކޮށް ކެޔޮދޫގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަޒްޔާން އާދަމް ރަޝީދެވެ. މި ހާފުގެ އިތުރު ވަގުތު ތެރޭ ނައްވާފް ވަނީ އިތުރު ގޯލެއް ޓީސީ އަށް ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގައި ހުސެއިން ކިނާން އަޝްރަފް ކެޔޮދޫ އަށް އިތުރު ގޯލެއް ޖަހައިދީފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޓީސީގެ ފަސްވަނަ ލަނޑު ޖަހައިދިނީ އަބްދުﷲ އަލްސާން އަބްދުލް ހާދީ އެވެ.

ޓީސީގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް
ޓީސީގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

ޖުމްލަ ހަ ޓީމު ވާދަ ކުރާ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ލީގު ބުރުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މިރޭ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރާ މެޗެވެ. ލީގު ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭނެ އެވެ.

މި ވަގުތު ލީގު އެއް ވަނައިގައި ނިއު އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް އޮޑި އަށް ވެސް ވަނީ 4 މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. މާ ޒިޔާ ދެވަނައިގައި އޮތީ ފައިދާ 21 ގޯލާ އެކު އެވެ. އޮޑި އަށް ލިބިފައި ވަނީ ފައިދާ 11 ގޯލެވެ. އަދި އެންމެ ކުރީގައި އޮތް ނިއު އަށް ވަނީ ފައިދާ 12 ގޯލު ލިބިފަ އެވެ.

ލީގު ތާވަލްގެ ހަތަރު ވަނައިގައި ނިންމާލި ބުރު ސްޕޯޓްސް އާއި ފަސްވަނައިގައި ނިންމާލި ޓީސީ އަދި ހަ ވަނައިގައި ނިންމާލި ކެޔޮދޫ ވެސް ވަނީ މެޗެއް ކާމިޔާބު ކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ.