ބާންލީ އަތުން 1-0 އިން މޮޅުވެ އާސެނަލް ފަހަތަށް ޖައްސާލައި މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ރޭ އަރައިފި އެވެ.

ސިޓީން މިދިޔަ އޮގަސްޓުގެ ފަހުން ފުރަތަމަ ފަހަރަށް ތާވަލުގެ ކުރިއަށް މި ޖެހިލީ ބޮޑު ލީޑަކާ އެކު ގިނަ ދުވަސްތަކެއް ވަންދެން އެއް ވަނައިގައި އޮތް އާސެނަލަށް ފަހަކަށް އައިސް ކުރިމަތިވި ދަށް ނަތީޖާތަކުގެ ފައިދާ ނަގަ އެވެ. ސިޓީން ވަނީ މި ހަފުތާގައި އާސެނަލް އަތުން 2-1 އިން މޮޅުވެފަ އެވެ.

ދެ ޓީމަށް ވެސް 70 ޕޮއިންޓް ލިބިފައިވާއިރު ގޯލް ތަފާތު ވެސް އެއްވަރެވެ. ސިޓީ އަށް ކުރި ލިބެނީ ޖެހި ގޯލު ގިނަވުމުންނެވެ. ކޮންމެ ޓީމަކަށް ވެސް ލީގުގައި ދެން ބާކީ އޮތީ ފަސް މެޗު ކަމުން، ލީގު ހޯދުމުގެ ރޭސް މިވަނީ ވަރަށް ބޮޑަށް ވާދަވެރިވެފަ އެވެ.

ސިޓީ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ބްރެންފޯޑާއި، ކްރިސްޓަލް ޕެލަސް، އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުތަކާއި، ރަށުން ބޭރުގައި އެވަޓަން އަދި، ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އާސެނަލް ކުޅެން އޮތީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް، ފުލަމް، އަދި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުތަކާއި، ރަށުން ބޭރުގައި ވެސްޓް ހޭމް އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ރޭ ބާންލީގެ ޓާފް މުއާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ސިޓީގެ ހަމައެކަނި ގޯލު ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އާސެނަލްއާ ދެކޮޅަށް ކުޅުނު ވަރުގަދަ، އުނދަގޫ މެޗަކަށް ފަހު މި މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، މިއީ މިއަށް ވުރެ ގިނަ ގޯލުތަކެއް ޖެހޭނެ މެޗެއް ކަމަށެވެ.

"ފުރުސަތުތައް ލިބުނު. ހަމަލާތައް އުފެއްދިން،" ގާޑިއޯލާ ބުންޏެވެ.

މި ނަތީޖާއާ އެކު ބާންލީ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. މިއީ ފަސް ސީޒަނުގެ ތެރޭ ބާންލީ ރެލިގޭޓްވި ތިން ވަނަ ފަހަރެވެ. އެ ޓީމު އޮތީ 20 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައި އެވެ. އެ ޓީމާ އެކު ރެލިގޭޓްވެފައިވަނީ ތާވަލުގެ ފުލުގައި 17 ޕޮއިންޓާ އެކު އޮތް ވުލްވްސް އެވެ. ތާވަލުގެ 18 ވަނައިގައި 31 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން އަންނަނީ، ރެލިގޭޓްވާނެ އަނެއް ޓީމަށް ނުވެވޭތޯ މަސައްކަތް ކުރަމުންނެވެ.