ލަންޑަން (އޭޕްރީލް 23) - ޗެލްސީގެ ހެޑް ކޯޗުގެ މަގާމާ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ހަވާޅުވި ލިއަމް ރޮސޭނިއޯ، ތިން މަސް ފަހުން މަގާމުން ވަކި ކޮށްފި އެވެ.
މި ފަހުން ޗެލްސީ ހޯދަމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން ވެސް، ޗެލްސީގެ އޯނަރުން ތިބީ ރޮސޭނިއޯގެ ދިފާއުގައި ކަން އޭނާ ހާމަ ކޮށްފައިވެ އެވެ. ނަމަވެސް ޖެހިޖެހިގެން ލީގުގައި ކުރިމަތިވީ ފަސްވަނަ ބައްޔާއެކު ކްލަބުން އޭނާ މަގާމުން ދުރުކުރީ، ކްލަބުގެ ސީނިއާ ބައެއް ކުޅުންތެރިން ވެސް އޭނާއާ މެދު ހިތްހަމަ ނުޖެހޭތީ ކުރިމަތިވި ޕްރެޝަރާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
ކޮންޓްރެކްޓުގައި ބާކީ ދުވަސް އޮއްވައި ރޮސޭނިއޯ މަގާމުން ވަކި ކުރުމުން އޭނާއަށް ބަދަލުގެ ގޮތުގައި 24 މިލިއަނެއްހާ ޕައުންޑް ދޭން ޖެހޭކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ރޮސޭނިއޯ ވަނީ ޗެލްސީ އެންމެ ފަހުން ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗަށް ފަހު ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެނުނުކަމަށް ބުނެ މީޑީއާގައި ވާހަކަ ދައްކައިފަ އެވެ.
"ލިއަމް [ރޮސޭނިއޯ] އަށް މަގާމު ހަވާލު ކުރީއްސުރެން އޭނާ އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ ޒިންމާދާރުކަމާ އެކު ވަރަށް ޕްރޮފެޝަނަލް ކޮށް،" ޗެލްސީގެ ބަޔާނުގައިވެ އެވެ.
މީގެ ނުވަ މަސް ކުރިން ވަރުގަދަ ޕީއެސްޖީ ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި ޗެލްސީ މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަތް ވަނައިގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ ބޯންމަތުގެ އެންޑޯނީ އަރައިއޯލާ އާއި ފުލަމްގެ ކޯޗު މާކޯ ސިލްވާ އަދި ބޮރޫޝީއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު އެޑިން ޓާޒިކް ހޯދަން މަޝްވަރާ ކުރަމުންނެވެ. އަރައިއޯލާ މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް ހަމަ ވުމުން ބޯންމަތު ދޫކޮށްލަން ނިންމާފައި ވާއިރު، ސިލްވާ އާއި ފުލަމްއާ އެކު އޮތް ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.
އާ ކޯޗަކު ހަމަޖައްސަންދެން ޗެލްސީގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓެންޓް ކޯޗު ކެލަމް މެކްފާލޭން އެވެ. އޭނާ ވަނީ ކުރީގެ ކޯޗު އެންޒޯ މަރެސްކާ މަގާމުން ދުރު ކުރުމުން، ރޮސޭނިއޯއާ މަގާމު ހަވާލު ކުރުމުގެ ކުރިން ދެ މެޗެއްގައި ޗެލްސީއަށް އިރުޝާދު ދީފަ އެވެ. ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީއާ އެއްވަރު ކުރި އިރު، ދެވަނަ މެޗުގައި ވަނީ ފުލަމް އަތުން ބަލި ވެފަ އެވެ.