އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތާއި، ކްރިކެޓް މުބާރާތަށް މާލޭ ޓްރެކް ދަނޑާއި، ހުޅުމާލޭ ޓްރެކް ދަނޑު ދީފައި އޮތުމުން، އެތުލެޓިކްސްގެ ތަމްރީންތަކަށް ހުރަސް އެޅޭނެ ކަމަށް ބުނެ މަޝްހޫރު އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއީލް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރާއްޖެ ޖޫނިއާސް ޗެމްޕިއަންޝިޕުގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސްކޫލް މުބާރާތްތަކުގެ ތެރެއިން 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އޮންނަނީ މާދަމާ އިން ފެށިގެން އަންނަ މަހު 17 ގެ ނިޔަލަށް ހުޅުމާލޭ ޓްރެކް ދަނޑުގަ އެވެ. އަދި 16 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް އާދީއްތަ ދުވަހުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް އޮންނާނީ މާލޭ އެކުވެނި ޓްރެކް ދަނޑުގަ އެވެ.

ނަސީރު ބުނީ މާލެ ސަރަހައްދުގައި ދުވުންތެރިން ތަމްރީން ހަދަން އޮންނަ ހަމައެކަނި ދެ ތަން ބޭނުންނުކުރެވޭ ގޮތް ވުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

"އަހަރެމެން މަގުމަތިވެއްޖެ،" ނަސީރު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"ނުވަދިހައިގެ އަހަރުތަކުގައި ގޮތަށް މަގުމަތީގައި، ނޫނީ އޮށްގަލުގެ ތެރޭގައި ވެލިގަނޑުގެ މަތީގައި ދުވަންވީ ކަންނޭގެ. ފާހަނާއަކަށް ދާން ޖެހިއްޖެއްޔާ މޫދަށް އެރެން ޖެހޭނީ."

މީގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ދުވާ ކްލަބްތަކާއި، އެކަޑަމީތަކުގެ ތަމްރީންތަކަށް ހުރަސް އެޅޭނެ އެވެ. ނަސީރު ބުނީ ރާއްޖޭގެ ގައުމީ ފެންވަރުގެ ދުވުންތެރިން ވެސް ތަމްރީން ހަދަނީ ޕްރައިވެޓް ކޯޗަކާ އެކު ނޫނީ އެކަޑަމީއަކާ އެކު ނުވަތަ ކްލަބާ އެކު ކަމަށާއި، އެހެންކަމުން ދަނޑު ނުލިބުމުން ގައުމީ އެތުލީޓުންނަށް ވެސް ގެއްލުވާނެ ކަމަށެވެ.

"ގައުމީ ޓީމުގެ ދުވުންތެރިން ވެސް ގައުމީ ޓީމުގެ ތަމްރީންތަކާ ގުޅޭނީ މުބާރާތެއް ކައިރިވުމުން. އޭގެ ކުރިން ހުރިހާ ދުވުންތެރިން ވެސް އުޅޭނީ އެކަޑަމީ ނުވަތަ ކްލަބަކާ އެކު. އެހެންވީމާ މިއީ އެންމެންނަށް ލިބޭ ދެރައެއް،"

އޭނާ ބުނީ މިކަމުގައި އެއްވެސް ކުޅިވަރެއް ގޯސްނުކުރާ ކަމަށާއި މީގައި މައްސަލަ އޮތީ ކުޅިވަރުގެ އިދާރާތަކާއި، ހިންގަން ތިބި ފަރާތްތަކުގެ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ފުޓްބޯޅަ އާއި ކްރިކެޓުގެ މުބާރާތްތައް ވެސް ބާއްވަން ޖެހޭނެ. މައްސަލައަކީ އެ ކުޅިވަރުތަކަށް ފެސިލިޓީޒް ހަމަޖައްސައިދީފައި ނެތުން. އެހެން އެހެން ކުޅިވަރުތަކުގެ ވެނޫސް ބޭނުންކުރަން ޖެހެނީ،"

އޭނާ ބުނީ ހުޅުމާލޭގައި ފުޓްބޯޅަ ސްޓޭޑިއަމަކާއި، ކްރިކެޓް ސްޓޭޑިއަމެއް އަޅަން ބޭރުގެ އެހީ ލިބުނު ކަމަށާއި، އެކަމަކު އޭގެން އެއްވެސް ކަމެއް ކުރިއަށް ގެންދެވިފައި ނެތް ކަމަށެވެ. އެކަންކަން ކުރެވުނު ނަމަ، މިއަދު މިފަދަ މައްސަލަތައް ދިމާނުވީސް ކަމަށް އޭނާ ބުންޏެވެ.

"އެއްވެސް ޕްލޭނެއް ނެތީ. އެއީ މައްސަލައަކީ،"