ނޭޕްލްސް (އޭޕްރީލް 21) - އަހުލާގީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅި ނަޕޯލީގެ ބެލްޖިއަމް ސްޓަރައިކަރު ރޮމެލޫ ލުކާކޫ އާއެކު އެ ކްލަބުން ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ނަޕޯލީގެ ޓްރޭނިންތަކުގައި ބައިވެރި ނުވެ، އަނިޔާއިން ރިކަވާ ވާން ކްލަބްގެ ހުއްދަ ނުހޯދައި ބެލްޖިއަމްގައި މަޑުކުރުމުން ދާދި ފަހުން އެ ކްލަބުން ވަނީ ލުކާކޫ ސްކޮޑުން ބޭރު ކޮށްފަ އެވެ. އަދި އޭނާ ވިއްކާލަން ކްލަބުން ތައްޔާރުވާކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.

ހޭމްސްޓްރިންގް އަނިޔާއަކާ ގުޅިގެން ލުކާކޫ އަށް މި ސީޒަންގައި މިހާތަނަށް ކްލަބާ އެކު ކުޅެވިފައި ވަނީ އެންމެ ހަތް މެޗެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ މިދިޔަ މަހު ޓޮރީނޯއާ ވާދަކޮށް 2-1 އިން މޮޅުވި މެޗުގަ އެވެ.

އުމުރުން 32 އަހަރުގެ ސްޓްރައިކަރު އޭގެ ފަހުން އަނިޔާއަށް ފަރުވާ ހޯދަމުން އަންނަނީ ބެލްޖިއަމްގަ އެވެ. މިއާ ގުޅިގެން ކްލަބުން އޭނާ އަށް ފިޔަވަޅު އެޅުމުން، އޭނާ ވަނީ އިޓަލީއަށް އެނބުރި އައިސް ކަން ހިނގާދިޔަގޮތާ ގުޅޭގޮތުން ކްލަބާ އެކު މަޝްވަރާ ކޮށްފަ އެވެ.

ލުކާކޫގެ އެޖެންޓް ފެޑެރިކޯ ޕަސްޓޮރޭލޯ އާއި ނަޕޯލީގެ ސްޕޯޓިން ޑިރެކްޓަރު ޖިއޮވާނީ މަންނާ ވެސް ބައިވެރިވި މަޝްވަރާ ބައްދަލުވުންތައް ނިމުނީ ކާމިޔާބުކޮށް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

މި މަޝްވަރާތަކަށް ފަހު ސުލްހަވެރި ހައްލެއް ލިބިފައި ވާކަމަށާއި، އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ދާ ގޮތް ވެސް ކްލަބާ ހިއްސާ ކޮށްފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

މީގެ އިތުރުން ދެ ހަފްތާއެއްހާ ދުވަސް ތެރޭ ލުކާކޫ އަލުން ނަޕޯލީގެ ސްކޮޑާ ގުޅޭނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.