ޕެރިސް (އޭޕްރީލް 20) - ލޯނު އުސޫލުން އޮލިމްޕިކް ލިޔޯން އަށް ކުޅެމުން އަންނަ ބްރެޒިލްގެ އަރަމުން އަންނަ ތަރި، އެންޑްރިކްގެ މޮޅު ކުޅުމާ އެކު ޕީއެސްޖީގެ ދަނޑުގައި އެ ޓީމު 2-1 އިން ބަލިކޮށްފި އެވެ.

އެންޑްރިކް ވަނީ ހަވަނަ މިނެޓުގައި ލިޔޯނަށް ލީޑު ނަގައިދީފަ އެވެ. އަދި 18 ވަނަ މިނިޓުގައި އަފޮންސޯ މޮރިއޭރާ އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އެންޑްރިކްގެ އެހީތެރިކަމާ އެކު އެވެ.

ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ފަރަގު ކުޑަ ކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް ގޮންސާލޯ ރާމޯސް ފޮނުވާލި ޕެނަލްޓީ، ލިޔޯންގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ޕީއެސްޖީން މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓު ތެރޭ ޖަހައިދިނީ ކިވިޗާ ކްވަރަޓްސްކޭލިއާ އެވެ.

މިއީ މި ސީޒަންގައި، ކޯޗު ލުއިސް އެންރީކޭގެ ޕީއެސްޖީ ލީގުގައި ބަލިވި ފަސްވަނަ މެޗެވެ. 

އެ ކްލަބް މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ 28 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމަށް ލީގުގައި ބާކީ ހަ މެޗު އެބައޮތެވެ.

ލީގުގެ ދެވަނައިގައި އޮތީ 29 މެޗުން 62 ޕޮއިންޓް ހޯދާފައިވާ އާރުސީ ލެންސް އެވެ. މިހާތަނަށް ކުޅުނު 30 މެޗުން 54 ޕޮއިންޓް ހޯދައިގެން ލިޔޯން ތިންވަނައިގައި އޮތް އިރު، ހަތަރުވަނައިގައި އޮތް ލިލް ވެސް ވަނީ 30 މެޗުން 54 ޕޮއިންޓް ހޯދައިފަ އެވެ.