ވޯލްޑް ކަޕަށް ހާއްސަކޮށް އެމެރިކާގެ ނިއު ޖާޒީގައި އެތެރޭގެ ދަތުރުތަކުގެ ބޮޑު އަގުތަކާ ގުޅިގެން ފީފާ އާއި ނިއު ޖާޒީގެ ގަވަރުނަރު މައިކީ ޝެރިލްއާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެއްޖެ އެވެ. 

ވޯލްޑް ކަޕްގެ ބައެއް މެޗުތައް ކުޅެން ހަމަޖެހިފައިވާ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމަށް ކުރާ ރޭލު ދަތުރުގެ އަގު 150 ޑޮލަރަށް އުފުލުމާ ގުޅިގެން ފީފާގެ އޮފިޝަލް ބުނީ މިއީ ސަޕޯޓަރުން މުބާރާތާ ދުރުކުރާނެ "ބިރުވެރި" ނިންމުމެއް ކަމަށެވެ.

ނަމަވެސް ގަވަރުނަރު ޝެރިލް ވިދާޅުވީ ފީފާއަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، އާންމު ރައްޔިތުންގެ ޓެކްސް ފައިސާއިން ސަޕޯޓަރުންގެ ދަތުރުތަކަށް ހަރަދު ނުކުރެވޭނެ ކަމަށެވެ.

ނިއު ޖާޒީގައި އާންމުކޮށް 12.90 ޑޮލަރަށް ކުރާ ދަތުރަށް ވޯލްޑް ކަޕް ދުވަސްވަރު 150 ޑޮލަރު ނަގާނެ އެވެ. މިއީ އާންމު އަގަށް ވުރެ 11 ގުނަ ބޮޑު އަދަދެކެވެ. މީގެ އިތުރުން ބަސް ދަތުރަކަށް 80 ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. އެ ދުވަސްވަރު ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް އެއްވެސް ލުޔެއް ނުދޭން ވަނީ ނިންމާފަ އެވެ.

"މިހާ ބޮޑު އަގުތަކެއް ނެގުމުން ސަޕޯޓަރުން އެހެން ގޮތްގޮތް ހޯދާނެ. އޭގެ ސަބަބުން ޓްރެފިކް ބޮޑުވެ މެޗުތަކަށް ދިއުން ލަސްވެ މުޅި ސަރަހައްދަށް ލިބެން އޮތް އިގްތިސާދީ މަންފާއަށް ހުރަސް އެޅޭނެ،" ފީފާގެ ވޯލްޑް ކަޕްގެ ޗީފް އޮޕަރޭޓިންގ އޮފިސާ ހައިމޯ ޝިރްގީ ވިދާޅުވި އެވެ.

މިކަމަށް ރައްދު ދެއްވަމުން ގަވަރުނަރު ޝެރިލް ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދުގައި ޕާކިން ފީގެ ގޮތުގައި ފީފާއިން  300 ޑޮލަރު ނަގާ ކަމަށެވެ. އެކަމަކު ދަތުރުފަތުރަށް އެންމެ ޑޮލަރެއް ވެސް ފީފާއިން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.  

"ފީފާއިން ދަތުރުފަތުރަށް ހަރަދު ކުރަންޖެހޭނެ. އެކަން ނުކުރާނަމަ ނިއު ޖާޒީގެ ރައްޔިތުންގެ އަތުން މި ހަރަދު ހަމަޖައްސާކަށް އަހަރެމެން ތިބޭނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.

ނިއު ޖާޒީގައި ވެސް އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުނފުންނަކީ "ޓްރާންސިޓް" އެވެ.

އެ ކުންފުނީގެ ސީއީއޯ ކްރިސް ކޮލޫރީ ވިދާޅުވީ އެ ކުންފުނިން އެ ހިދުމަތް ދެނީ ފައިދާ ހޯދުމުގެ ގޮތުން ނޫން ކަމަށެވެ. ދަތުރުތަކުގެ އަގު ބޮޑު ކުރީ ވޯލްޑް ކަޕަށް ހިނގާ 48 މިލިއަން ޑޮލަރުގެ ހަރަދު ހަމަޖެއްސުމަށް ކަމަށެވެ.

އެހެން ސިޓީތަކުގެ އަގުތައް ބޮޑު ނުވާކަން ހާމަކޮށް ފީފާއިން ވަނީ ނިއު ޖާޒީން ވެސް އެގޮތަށް އަމަލުކުރަން ގޮވާލާފަ އެވެ.

ފީފާއިން އާންމުކުރި ލިޔުންތަކެއްގައިވާ ގޮތުން ފިލަޑެލްފިއާގައި ދަތުރަކަށް ނަގަނީ އެންމެ 2.90 ޑޮލަރެވެ. އަދި ހިއުސްޓަންގައި 2.50 ޑޮލަރު އަދި ލޮސް އެންޖެލިސްގައި 3.50 ޑޮލަރަށް ދަތުރު ކުރެވެ އެވެ. ނަމަވެސް ބޮސްޓަންގައި ވެސް ވަނީ ދަތުރުގެ އަގު 80 ޑޮލަރަށް މައްޗަށް ޖައްސާފަ އެވެ. 

މި މައްސަލައިގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ ބައެއް ހަރުކަށި ބަސްތަކަށް އިންފަންޓީނޯ ހަނު ހުންނާތީ ސަޕޯޓަރުންގެ ޖަމްއިއްޔާތަކުން ދަނީ ފީފާއަށް ވެސް ފާޑުކިޔަމުންނެވެ.