ބާސެލޯނާ (އޭޕްރީލް 17) - ބާސެލޯނާ އާއި އާޖެންޓީނާގެ ލެޖެންޑް ލިއޮނެލް މެސީ، ކެޓަލޫނިއާ ސަރަހައްދުގެ ބާސެލޯނާ ސިޓީއަށް ނިސްބަތްވާ ކްލަބެއް ގަނެފި އެވެ.

އެމެރިކާގެ އިންޓަ މަޔާމީ އަށް މިހާރު ކުޅެމުން އަންނަ މެސީ ވަނީ ސްޕެއިންގެ ފަސްވަނަ ޑިވިޝަންގެ ކްލަބް، ޔޫއީ ކޯނެލާގެ 100 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މި ކަން އެ ކްލަބުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

މުޅިއެކު އަށް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ، އުމުރުން 38 އަހަރުގެ މެސީ ވަނީ އާޖެންޓީނާއާ އެކު 2022 ގައި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން މެސީ ވަނީ އޭނާ ކުޅުން ހުއްޓާލުމަށް ފަހު، ދިރިއުޅެން ބޭނުން ވަނީ ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމް ފެންނަ ސަރަހައްދެއްގައި ކަމަށް ބުނެފަ އެވެ.

މެސީގެ މި ފިޔަވަޅު ވެފައި ވަނީ، އޭނާގެ ލެޖެންޑަރީ ކެރިއަރު ބިނާކުރި ސަރަހައްދާ އޭނާ އަލުން ގުޅުވައިދޭ ފިޔަވަޅަކަށެވެ. މެސީ ވަނީ ބާސެލޯނާއަށް ރެކޯޑް 672 ގޯލު ޖަހައިދީ، އެ ޓީމާ އެކު އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ.

މީގެ 75 އަހަރު ކުރިން 1951 ގައި އުފެއްދި ކޯނެލާ ސްޕެއިންގައި މަގުބޫލުވެފައި ވަނީ ވަރުގަދަ ޔޫތު އެކަޑަމީގެ ސަބަބުންނެވެ. ކޯނެލާގެ އެކަޑަމީގައި ތަމްރީނުވި މިހާރުގެ ބައެއް ކުޅުންތެރިންގެ ތެރޭގައި، އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ އާއި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް މާޓިން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކެމަރޫން ކީޕަރު އަންޑްރޭ އޮނާނާ ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުން ހުއްޓާލި ޖޯޑީ އަލްބާއަކީ ވެސް ކޯނެލާ އެކަޑަމީން ތަމްރީނު ވެގެން އެ ކްލަބާއެކު ސީނިއާ ކެރިއަރު ފެށި ކުޅުންތެރިއެކެެވެ.

ގާތްގަނޑަކަށް 1،500 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެއް އޮންނަ ކޯނެލާ، މެސީއާ އެކު މަސައްކަތް ކުރާނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ޒުވާން ކުޅުންތެރިން އުފެއްދުމާއި ސްޕެއިން ފުޓްބޯޅައިގައި އެ ކްލަބް މިހާރު އޮތް ވަރަށް ވުރެ އުހަށް ގެންދިޔުމަށް ކަމަށް އެ ކްލަބުން ބުނެފައި ވެ އެވެ.