ލަންޑަން (އޭޕްރީލް 4) - ޕޯޗުގަލްގެ ސްޕޯޓިންއާ ވާދަކޮށް 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިގެން ލިބުނު ހިތްވަރާ އެކު ލީގުގައި މެންވެސްޓާ ސިޓީ ބަލިކުރަން ބޭނުންވާކަން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކުއާޓާގެ ފަހު ލެގު ލަނޑެއް ނުޖެހި އެއްވަރު ކޮށްލައިގެން އާސެނަލް މިވަނީ ޖެހިޖެހިގެން ދެވަނަ ސީޒަންގައި މުބާރާތުގެ ސެމީއިން ފުރުސަތު ހޯދައިފަ އެވެ. 

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީއިން އާސެނަލް ބަލިވީ ޗެމްޕިއަން ޕީއެސްޖީއާ ވާދަކޮށެވެ. މި އަހަރުގެ ސެމީގައި އާސެނަލް ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

އާސެނަލްގެ ކެޕްޓަން ރައިސް، ރޭގެ މެޗުގައި ޓީމުގެ ކުޅުންތެރިންނާ މަޝްވަރާކުރަނީ.-- ފޮޓޯ: އޭއެފްޕީ
އާސެނަލްގެ ކެޕްޓަން ރައިސް، ރޭގެ މެޗުގައި ޓީމުގެ ކުޅުންތެރިންނާ މަޝްވަރާކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ސަތޭކަ ޕަސެންޓް،" ސެމީގެ ޖާގަ ޔަގީން ވުމަކީ، ކުރިއަށް އޮތް ހަފްތާ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ހިތްވަރަކަށް ވާނެކަން ހާމަކުރަމުން އާޓެޓާ ބުންޏެވެ.

"މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ކުރި ހޯދަން ވެސް ލިބުނު ހިތްވަރެއް. ވަރަށް އުނދަގުލުން މި ނަތީޖާ ހޯދީ، އަހަރެމެންނަށް އެނގޭ ކުރެވުނު މަސައްކަތް. މިއީ އަހަރެމެންނަށް ހައްގު ނަތީޖާއެއް."

ކުޅުންތެރިންގެ ހިތްވަރަށް ވެސް ތައުރީފް ކުރަމުން އާޓެޓާ ބުނީ، މިއީ ކްލަބްގެ 140 އަހަރުވީ ތާރީހުގައި ވެސް ކުރެވިފައި ނެތް ވަރުގެ އާދަޔާ ހިލާފް މަސައްކަތެއް ކަމަށާއި، އުނދަގޫ ހާލަތުގައި ވެސް މި ނަތީޖާ ހޯދީ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ބޭނުން ނުކުރެވި ކަމަށްށެވެ.

އާސެނަލްގެ މަޑުއެކޭ އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެފަ.-- ފޮޓޯ: އޭއެފްޕީ
އާސެނަލްގެ މަޑުއެކޭ އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެފަ.-- ފޮޓޯ: އޭއެފްޕީ

އާސެނަލް ކުޅެމުން އަންނަނީ އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ ބުކަޔޯ ސަކާ އާއި މާޓިން އޮޑެގާޑް އަދި ޖަރެން ޓީމްބާ ނުލައެވެ. އަދި ރޭގެ މެޗުގެ ދެވަނަ ހާފުގައި އަނިޔާވި ނޮނީ މަޑުއެކޭ އަށް ވެސް ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އާސެނަލް ވަނީ މިދިޔަ ހަފްތާ ބަންދުގައި ލީގުގައި ބޯންމަތު އަތުން 2-1 އިން ބަލިވެފަ އެވެ. އޭގެ ކުރިން ހަމަ މި ނަތީޖާއިން ވަނީ އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ސައުތެމްޓަން އަތްދަށުވެފަ އެވެ. އެ މެޗާ ކުރިމަތިލީ ލީގް ކަޕް ފައިނަލްގައި 2-0 އިން މެންޗެސްޓާ ސިޓީ އަތުން ކުރިމަތިވީ ނާކާމިޔާބީއަށް ފަހު އެވެ.

މިއާ އެކު އެންމެ ފަހުން އާސެނަލް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލި ވެފައި ވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުންނެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގު ޓަިޓަލް ރޭހުގައި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.

އާސެނަލް ލީގު އެއްވަނައިގައި އޮތީ 32 މެޗުން ހޯދި 70 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެގެން ސިޓީ ދެވަނައިގައި އޮތީ 64 ޕޮއިންޓާ އެކު އެވެ.