ދިވެހި ޕްރިމިއާ ލީގުގެ ކްލަބް އީގަލްސް ކަޓުވާލައި މުޅިން އަލަށް ވާދަކުރާ ބްލޫ ސްޕޯޓްސް ކްލަބް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ތިން އަހަރު ފަހުން ބާއްވާ އެފްއޭ ކަޕްގެ ކުޅުން މިއަދު ހަވީރު ފެށި އިރު، ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ބްލޫ އާއި އީގަލްސް އޮތީ 2-2 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީގައި 4-3 އިން މޮޅުވެގެން ސެމީ އަށް ދަތުރު ކުރީ މި އަހަރު ތިންވަނަ ޑިވިޝަން ކުޅެން ތައްޔާރު ވެފައިވާ ބްލޫ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ބްލޫސް ވަނީ ލީޑު ނަގައި އީގަލްސް ޕްރެޝަރަށް ވައްޓާލައިފަ އެވެ. އޭރިއާ ތެރޭ ހުސްކޮށް ހުރެ މެޗުގެ 11 ވަނަ މިނިޓުގައި ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައިގެން ބްލޫގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ފާލިހް ލަމްރަތެވެ. ފުރަތަމަ ހާފް ނިންމާލީ މި ނަތީޖާއިން ބްލޫ ކުރީގައި އޮވެ އެވެ.
އީގަލްސް ނަތީޖާ އެއްވަރު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް އޭރިއާ ތެރެއިން ފައުލް ކުރީ ކަމަށް ބަލައި އީގަލްސް އަށް ދިން ޕެނަލްޓީ 60 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއިލް އީސަ (މެސީ) އެވެ. އަދި 76 ވަނަ މިނިޓުގައި ޒައިން ޒަފަރު އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން އީގަލްސް ވަނީ މެޗުގައި ލީޑު ހޯދައިފަ އެވެ.
ބްލޫ އެއްވަރު ކުރީ 86 ވަނަ މިނިޓުގައި އަބްދުﷲ އިޔާދު މުހައްމަދު ފޮނުވާޅި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ޕެނަލްޓީގައި އީގްލްސްގެ އީސަ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވި އިރު، އައްޑޯ ކޫފޯ ފޮނުވާލި ބްލޫގެ ފުރަތަމަ ޕެނަލްޓީ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ދިފާއު ކުރި އެވެ. އެއަށް ފަހު އީގަލްސްގެ ޒައިން ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް އަބްދުﷲ ޒުހާން ހަސަން މުހައްމަދު ފޮނުވާލި ޕެނަލްޓީ، ބްލޫގެ ކީޕަރު ސްރީލަންކާގެ މުހައްދު އަޝްފާގް އަޔުބް ވަނީ ދިފާއު ކޮށްފަ އެވެ. އީގަލްސްގެ އަނެއް ދެ ޕެނަލްޓީ ކާމިޔާބު ކުރީ ޓޮޝްޕުލަޓޮވް އުގްލީ އާއި އަބްދުﷲ ސަމީހް މޫސާ (ސަމިއްޓޭ) އެވެ.
ބްލޫގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވިއަސް އެޓީމުން ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ޕެނަލްޓީތައް ޖަހައިދިނީ ޝިޔާން މުހައްމަދު، އިޔާދު، މައިކަލް އަކުއާޔޭ އަދި މުހައްމަދު ޖިނާހެވެ.
ބްލޫ ސްޕޯޓްސް އަކީ ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް އިސްވެ ހުންނަވައިގެން މިދިޔަ އަހަރު އުފެއްދި ކްލަބެކެވެ. އެފްއޭ ކަޕަކީ ތިންވަނަ ޑިވިޝަނަށް ތައްޔާރުވަމުން އަންނަ ބްލޫގެ ރަސްމީ ފުރަތަމަ މުބާރާތެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ތިން އަހަރު ވަންދެން، ނިއު ސަސްޕެންޑްކޮށްފައި އޮތުމުން އެ ޓީމުގެ ސަޕޯޓަރުންނާ ގުޅިގެން ވާސިފް ވަނީ ރޭޑިއަންޓްގެ ނަމުގައި ވެސް ކްލަބެއް އުފައްދައިފަ އެވެ. ނަމަވެސް ރޭޑިއަންޓަކީ އޭރު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ރަމްޒު ކުރާ ކްލަބެއް ކަމަށް އެފްއޭއެމުން ނިންމުމުން، ރޭޑިއަންޓްގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފަހު ވާސިފް އާއި އެ ކްލަބްގެ ބޯޑް އަލުން ނިއުއާ ހަވާލުވި އެވެ. އަދި ނިއު ސަސްޕެންޝަނުގެ ހާލަތުން ނެގުމަށް އޭނާ މުހިންމު ދައުރެއް އަދާކޮށް އަލުން ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު 2022 ގައި ނިއު އިން ހޯދީ ވެސް އޭނާގެ ޗެއާމަންކަމުގެ ދަށުންނެވެ.
ނިއުގެ މިހާރުގެ ޗެއާމަން އަހްމަދު މުބީން އެ ކްލަބާ ހަވާލުވާން ޝައުގުވެރިކަން ފާޅުކުރެއްވުމުން، އެ ފުރުސަތު ދިނުމުގެ ގޮތުން ވާސިފް އާ އެކު ނިއުގެ އޭރުގެ ބޯޑް އިސްތިއުފާ ދިނީ 2024ގަ އެވެ.
ސެމީގައި ބްލޫ ވާދަ ކުރަން ޖެހޭނީ މިރޭ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ. އީގަލްސް އާއި އޮޑި ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރެވެ.