ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ވެލްސީ ގެ ދަނޑުގައި އެ ޓީމާ ވާދަކޮށް އާސެނަލް 3-2 އިން މޮޅުވެއްޖެ އެވެ.

އާސެނަލް ވަނީ ބެން ވައިޑްތެ ގޯލަކުން ހަތްވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ދެވަނަ ހާފު ފެށުނުތާ ހަތަރު މިނެޓް ތެރޭ ވިކްޓޯ ޔޯކެރޭސް ލީޑު ފުޅާ ކޮށްދިނެވެ. އަލެހަންދްރޯ ގާނާޗޯ ވަނީ 57 ވަނަ މިނިޓުގައި ލަނޑު ޖަހައި ޗެލްސީއަށް އުންމީދެއް ހޯދައިދީފަ އެވެ.

ނަމަވެސް 71 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ވަނީ އާސެނަލް އަށް ހާސްކަން ފިލުވައިދީފަ އެވެ. މި ގޯލު ޖަހަން އެހީވީ  ޔޯކެރޭސް އެވެ.

"އެއީ [ގޯލުޖެހުމަކީ] އަހަރެން ކުރަން ޖެހޭ ކަމަކީ، އަދި އަހަރެންނަށް އެކަން މިއަށް ވުރެ ގިނައިން ކުރެވޭނެ ވެސް މެ. މިއަދުގެ މެޗު ކާމިޔާބު ކުރެވިއްޖެ. ދެން އޮތީ ކުރިޔަށް އޮތް މެޗަށް ވިސްނުން،" މެޗަށް ފަހު ޔޯކެރޭސް ބުންޏެވެ.

މެޗުގެ 83 ވަނަ މިނިޓުގައި ގާނާޗޯ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރި ނަމަވެސް ޗެލްސީއަށް ވަނީ އެއްވަރު ކުރެވޭ ގޮތް ނުވެފަ އެވެ.

މި މެޗަކީ ޗެލްސީގެ ކޯޗު ކަމުގައި ލިއަމް ރޮސޭނިއޯ ކުރިމަތިލި ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވަނީ އެފްއޭ ކަޕްގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ކުޅޭ ޗާލްޓަން އެތުލެޓިކް ބަލިކޮށްފަ އެވެ. ނަމަވެސް ޕްރިމިއާ ލީގު އެއްވަނައިގައި އޮތް އާސެނަލް އަތުން މި ވަނީ ބަލިވެފަ އެވެ. ޗެލްސީ ދެން ނުކުންނާނީ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ.

ސެމީ ފައިނަލްގެ ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެރޭގަ އެވެ.