ލަންޑަން (މާޗު 27) - އިނގިރޭސި ވިލާތުގެ ލަންޑަނަށް ނިސްބަތްވާ ޗެލްސީން، އެތައް ސަތޭކަ ބަޔަކާ އެކު އެ ކްލަބުގެ ސްޓޭޑިއަމުގައި ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
ޗެލްސީގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ސްޓޭމްފޯޑް ބްރިޖުގައި އާދިއްތަ ދުވަހު، އެ ގައުމުގެ ޗެރިޓީ އަށް މަސައްކަތް ކުރާ "ރަމަދާން ޓެންޓް ޕްރޮޖެކްޓް" ޖަމިއްޔާއާ ގުޅިގެން ބޭއްވި މި ރޯދަވީއްލުން ފަށާފައި ވަނީ ދަނޑުގައި އަޑު ހަރުކޮށް މަޣްރިބް ނަމާދުގެ ބަންގި ގޮވުމަށް ފަހު އެވެ.
މިއީ ތާރީހުގައި ވެސް ޕްރިމިއާ ލީގު ސްޓޭޑިއަމެއްގައި ބޭއްވި ފުރަތަމަ ރޯދަ ވީއްލުމެވެ. ރޯދަ ވީއްލުމުގެ އިތުރުން ދަނޑުގައި ޖަމާއަތުގައި މަގްރިބް ނަމާދު ކުރުން ވެސް އޮތެވެ.
ރޯދަ ވީއްލުމުގައި ބައިވެރިވާން ގިނަ ބަޔަކަށް ދައުވަތު ދީފައި ވާއިރު އޭގެ ތެރޭގައި ސަޕޯޓަރުންނާއި ގިނަ އަދަދެއްގެ ސްކޫލް ކުދިން ވެސް ހިމެނެ އެވެ.
މި ރޯދަ ވީއްލުމުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވި، ކްލަބުގެ ފުރަތަމަ ކަޅު ނަސްލުގެ ކުޅުންތެރިޔާ، މިހާރު އުމުރުން 61 އަހަރު ވެފައިވާ ޕައުލް ކެނޯވިލް ވަނީ ރޯދަ ވީއްލަން ދަނޑަށް ހާޒިރުވި ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މުސްލިމް ކޮމިއުނިޓީގެ ގިނަ ބަޔަކު އެއްތަނަކުން ބައްދަލުވެ ހޭދަކޮށްލެވުނު ވަގުތުކޮޅުން އޭނާއަށް ނުހަނު ބޮޑު އުފާވެރިކަމެއް ގެނުވި ކަމަށެވެ.
"އަހަރެންނަކަށް ނޭނގޭ އުންމީދު ކުރަންވީ ކޮން ކަމަކަށް ކަމެއް، މިއީ ތަފާތު ތަޖުރިބާއެއް. ހަމަ ގައިމު ވެސް ކުރިއަށް އޮތް ތާނގައި އަދިވެސް މި ތަޖުރިބާ ކޮށްލަން އަހަރެން ބޭނުންވޭ،" 80 ގެ އަހަރުތަކުގެ ކުރީކޮޅު ޗެލްސީގައި ހޭދަކުރި ފަސް އަހަރުދުވަހު މުއްދަތުގައި 103 މެޗު ކުޅެދިން އިނގިރޭސި ފޯވާޑް ބުންޏެވެ.
"ތިޔަ އެންމެނާ ވާހަކަ ދައްކާލަން ކްލަބުން ދިން ފުރުސަތަށް އަހަރެން ފަށްފަށުން ޝުކުރު އަދާކުރަން."
ޗެލްސީ އަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ކުޅެފައިވާ ކްލަބެކެވެ. ޓީމުގެ ސްކޮޑުގައި މިހާރު ތިބި މުސްލިމް ކުޅުންތެރިންގެ ތެރޭގައި މޮރޮކޯގެ ހަކީމް ޒިޔެޝް އާއި ސެނެގާލްގެ ކަލިދޫ ކުލިބާލީ ގެ އިތުރުން ފްރާންސްގެ އެންގޯލޯ ކަންޓޭ އާއި ވެސްލީ ފޮފާނާ އަދި މަލަންގް ސާ ހިމެނެ އެވެ.
ރަމަދާން ޓެންޓް ޕްރޮޖެކްޓުން އަންނަނީ ބްރައިޓަން އާއި ކިއުޕީއާރު އަދި އެސްތަން ވިލާގެ ދަނޑުގެ އިތުރުން އިންގްލެންޑުގެ ޝަރަފްވެރި ވެމްޕްލީ ސްޓޭޑިއަމް ގައި ވެސް މި ރޯދަ މަހު، ރޯދަ ވީއްލުމެއް ބާއްވަން ތައްޔާރު ވަމުންނެވެ.