ފުޓްބޯޅަ މެޗަކަށް ވުރެ އެޑިޑާސް އާއި ނައީކީގެ ވާދަވެރިކަން ވޯލްޑް ކަޕުގައި ވަކި ކުޑައެއް ނޫނެވެ. މިއީ ދެ ޓީމެއްގެ ދެމެދުގައި އޮންނަ ވާދަވެރި ކަމާ އެއްވަރުގެ ބޮޑު ވާދަވެރި ކަމެކެވެ. ވޯލްޑް ކަޕުގައި އަދި ފުޓްބޯޅައިގައި ނައިކީ އަށް ވުރެ އެޑިޑާސްގެ ތާރީހު ބޮޑެވެ.
މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑް ކަޕުގައި، އެޑިޑާސްއިން ވޯލްޑް ކަޕަށް ވަދެއްޖެ އެވެ. "އެޑިޑާސް ޓެލްސްޓާ" ގެ ނަމުގައި އެ އަހަރުގެ ވޯލްޑް ކަޕު ބޯޅަ ލޯންޗު ކުރި އެވެ. އެއީ ވޯލްޑް ކަޕަށް ހާއްސަ ބޯޅަ އުފެއްދުމަށް ވަކި ކުންފުންޏަކާ އެކު ފީފާއިން ހެދި ފުރަތަމަ އެއްބަސްވުމެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި ކޮންމެ ވޯލްޑް ކަޕެއްގައި ފީފާ އަށް ބޯޅަ ސަޕްލައި ކޮށް ދެނީ ޖަރުމަންގެ މި ކުންފުންޏެވެ. ފީފާ އާއި އެޑިޑާސް އާ ދެމެދު ވެފައިވާ އެއްބަސްވުން މިހާރު ވަނީ 2030 އަށް އިތުރު ކޮށްފަ އެވެ.
މެކްސިކޯގައި 1970 ގެ މުބާރާތުގެ ކުރިން، ބޭއްވި މުބާރާތްތަކުގައި ބޯޅަ އުފައްދާފައި ވަނީ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ލޯކަލް ކުންފުންޏަކުންނެވެ.
ވޯލްޑް ކަޕުގެ ސަބަބުން އެޑިޑާސް އަކީ ކުޅިވަރު ސާމާނު އުފެއްދުމުގެ އިންޑަސްޓްރީގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަށްވި އެވެ. ހަމައެކަނި ވޯލްޑް ކަޕް ބޯޅައެއް ނޫނެވެ. ޓީމުތަކަށް ޖޯޒީ ފޯރުކޮށް ދިނުމުގައި ވެސް އެޑިޑާސް ވަރުގެ އެހެން ކުންފުންޏެއް އޭރަކު ނެތެވެ. ފުޓްބޯޅައިން އެ ކުންފުނިން ހޯދަމުން ދިޔަ ބޮޑު ފައިދާ ބަލަން އޮތީ އެމެރިކާގެ ނައިކީ" ކުންފުންޏެވެ. އެކަމަކު ފުޓްބޯޅައިގެ ތެރެއަށް ނައިކީގެ ނުފޫޒު ވެއްދުމުގެ ޕްލޭންތަކެއް އެ ކުންފުނީގެ ފައުންޑަރުން ދިޔައީ ރާވަމުންނެވެ. އެ ޕޭލޭންގައި ނައިކީން އިހުތިޔާރު ކުރީ ބްރެޒިލެވެ.
"އަހަރެމެންނަށް ފުޓްބޯޅައިގެ ހަގީގަތް ދެނެގަނެވޭނީ ބްރެޒިލްގެ ލޮލުން ފުޓްބޯޅަ ބަލައިގެން،" ނައިކީގެ ކޯ ފައުންޑާ ފީލް ނައިޓް 1990 ގައި ވިދާޅުވެފައިވެ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނާއި ނައިކީ އާ ދެމެދު 1996 ގައި 10 އަހަރު ދުވަހަށް ދެމިގެންދާ 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމަކީ އެހާތަނަށް އެއް ގައުމެއްގެ ގައުމީ ޓީމާއެކު ކުޅިވަރު ސާމާނު އުފައްދާ ކުންފުންޏަކުން ހެދި އެންމެ ބޮޑު އެއްބަސްވުމެވެ.
ނައިކީ ނިސްބަތްވާ އެމެރިކާގައި 1994 ގައި ބޭއްވި ވޯލްޑް ކަޕުގައި ނައިކީގެ ކިޓް ބޭނުން ކުރި އެއް ވެސް ގައުމެއް ވޯލްޑް ކަޕުގައި ނެތެވެ. އެކަމަކު ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕުގައި 10 ޓީމަކުން ނައިކީގެ އުފެއްދުން ބޭނުން ކުރި އެވެ. އަދި އެ މުބާރަތަކީ އެއް ކުންފުންޏަކުން އެންމެ ގިނަ ޓީމުތަކަށް ކިޓް ފޯރު ކޮށްދިން މުބާރަތެވެ. އެ ކުންފުންޏަކަށް ވީ ނައިކީ އެވެ.
ނައިކީ އާއި އެޑިޑާސްގެ ވާދަވެރިކަން ވޯލްޑް ކަޕުގައި ފެނުނު މެޗަކީ 2002 ގެ މުބާރަތުގެ ފައިނަލު މެޗެވެ. އެޑިޑާސްގެ ކިޓްގައި ތިބި ޖަރުމަންގެ މައްޗަށް ނައިކީގެ ކިޓްގައި ނުކުތް ބްރެޒިލްގެ ޓީމުން ކާމިޔާބު ހޯދި އެވެ. އެ މެޗުގައި ބްރެޒިލްގެ ދެ ލަނޑު ޖެހި ރޮނާލްޑޯ ނަޒާރިއޯ އަރައިގެން ހުރީ ނައިކީގެ ބޫޓަކަށެވެ. އެނެމް ފަހުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ފްރާންސާއި ކްރޮއޭޝިއާ ޓީމު ވެސް ބޭނުން ކުރީ ނައިކީގެ ޖޯޒީ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ލުކަ މޮޑްރިޗާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކިލިޔަން އެމްބާޕޭ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހެރީ ކޭން އަކީ ނައިކީގެ އެމްބަސެޑަރުންނެވެ.