އެރިޒޯނާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 6) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އުރުގުއޭ އާއި މެކްސިކޯ ބައްދަލުކުރި މެޗުގައި ނުބައި ގައުމީ ސަލާމެއް ޖެހިއިރު، އެ މެޗުން 3-1 އިން މެކްސިކޯ މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގެ ކުރިން ދެ ޓީމުގެ ގައުމީ ސަލާމް ޖެހި ވަގުތުގައި އުރުގުއޭގެ ގައުމީ ސަލާމުގެ ބަދަލުގައި ޖެހީ ޗިލީގެ ގައުމީ ސަލާމެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ މިކަމަށް މައާފަށް އެދިފަ އެވެ. ނަމަވެސް އުރުގުއޭގެ އޮފިޝަލުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މެޗުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި މެކްސިކޯ ލީޑުނެގި އެވެ. މި ލަނޑަކީ އުރުގުއޭގެ އަލްވާރޯ ޕެރޭރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ކުރީކޮޅު މެކްސިކޯ އަށް ލީޑު ލިބުމުން އުރުގުއޭ އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އެޓީމަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ޓީމުގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި މަޓިއަސް ވެޗީނޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.
އަނިޔާގެ ސަބަބުން ލުއިސް ސުއަރޭޒް ނުލައި ކުޅެން ޖެހުމުން އުރުގުއޭގެ އެޓޭކް ފެނުނީ ބަލިކަށިކޮށެވެ. އުރުގުއޭ އަށް މެޗުގެ ތެރެއަށް އަލުން ވަންނަން ފަސޭހަވީ މެޗުގެ 73 ވަނަ މިނިޓްގައި މެކްސިކޯގެ ހޯސޭ ގުއަޑާޑޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ އެއް މިނިޓް ފަހުން ޑިއޭގޯ ގޮޑިން ވަނީ ލަނޑެއް ޖަހައި އުރުގުއޭ އަށް އެއްވަރުކޮށްދީފަ އެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވާ މެކްސިކޯ އިން މޮޅުވީ މެޗުގެ ފަހު ފަސް މިނިޓް ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރަފައެލް މާކުއޭޒާއި ހެކްޓަ ހެރޭރާ އެވެ.