އެނިމޭޓެޑް ފިލްމު "ސްޕައިޑަ-މޭން: އެކްރޮސް ދަ ސްޕައިޑަ ވާސް" ގެ ފުރަތަމަ ދުވަހު ޖުމްލަ އާމްދަނީގެ ގޮތުގައި 208.6 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މިއީ ފިލްމުގެ ފުރަތަމަ ބައި 2018 ވަނަ އަހަރު ނިކުތް "ސްޕައިޑަ-މޭން: އިންޓު ދަ ސްޕައިޑަ ވާސް" އަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ. ފުރަަތަމަ ބައިގެ މުޅި ޖުމްލަ އާމްދަނީ އަކީ 384 މިލިއަން ޑޮލަރެވެ.

ޑޮމެސްޓިކް ބޮކްސް އޮފީހުގައި "އެކްރޮސް ދަ ސްޕައިޑަ ވާސް" އަށް ވަނީ 120.5 މިލިއަން ޑޮލަރު ލިބިފަ އެވެ. އެއާއެކު އެ ފިލްމު ވެފައި ވަނީ މި އަހަރު ނިކުތް ދެ ވަނަ އަށް އެންމެ ކާމިޔާބު ޑެބިއުއެއް ހޯދި ފިލްމަށެވެ. އެއް ވަނައިގައި 146 މިލިއަން ޑޮލަރާ އެކު އޮތީ "ސުޕަމާރިއޯ ބްރޯސް" އެވެ.

ބައިނަލްއަގްވާމީ ބޮކްސްއޮފީހުގައި އެޅުވި 59 ގައުމުގެ ތެރެއިން ފުރަތަމަ ދުވަހު 88.1 މިލިއަން ޑޮލަރު ލިބުނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޗައިނާ އިން، 17.3 މިލިއަން ޑޮލަރެވެ.

މި ފިލްމު އުފެއްދުމަށް ހޭދަކުރި ޖުމްލަ އަދަދަކީ 100 މިލިއަން ޑޮލަރެވެ. އެޅުވި ފުރަތަމަ ދުވަހުން ހަރަދުތައް ކަވަރު ކުރެވޭ ވަރުގެ ބޮޑު އާމްދަނީއެއް މިވަނީ ލިބިފަ އެވެ.

ފިލްމުގެ ލީޑު ކެރެކްޓާއިންނަށް އަޑުއަޅާފައިވާ އެކްޓަރުންގެ ތެރޭގައި ޝަމީކް މޫރް އާއި ހެއިލީ ސްޓެއިންފީލްޑް އާޢި ބްރާޔަން ޓައިރީ ހެންރީ އަދި އޮސްކާ އައިޒިކް ފާހަގަކޮށްލެވެ އެވެ.

ފިލްމުގައި އަޑުއަޅާފައިވާ ބައެއް އެކްޓަރުން: ހެއިލީ ސްޓައިންފެލްޑް (ކ) އާއި ޝަމީކް މޫރް އަދި ޖޭކް ޖޯންސަން (ވ)
ފިލްމުގައި އަޑުއަޅާފައިވާ ބައެއް އެކްޓަރުން: ހެއިލީ ސްޓައިންފެލްޑް (ކ) އާއި ޝަމީކް މޫރް އަދި ޖޭކް ޖޯންސަން (ވ)

ފިލްމު ބެލި މީހުންގެ ކޮމެންޓުތަކަށް ބަލާއިރު، ގިނަބަޔަކު އަންނަނީ ފިލްމަށް ތައުރީފު ކުރަމުންނެވެ. އެނިމޭޓެޑް ފިލްމަކާ އަޅާބަލާއިރު މި ފިލްމު ވަރަށް ކަމުދާ ކަމަށް ބުނެފައިވެ އެވެ.

ފިލްމުގެ ރޭޓިން، "ސިނަމާސްކޯ" ގައި އޯޑިއަންސް އިން "އޭ" ގްރޭޑެއް ދީފައިވާއިރު، "ރޮޓެން ޓޮމާޓޯސް" ގައި 249 ކްރިޓިކްސްގެ ރިވިއުއާއެކު އެވްރެޖްކޮށް 95 ޕަސަންޓު ސްކޯއެއް ލިބިފައިވެ އެވެ.