ނިއު ދިއްލީ (އޮގަސްޓް 15) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިނިވަން ދުވަހުގެ ތަގްރީރު މިއަދު ދެއްވި އިރު އެ ތަގްރީރު އަޑު އައްސަވަން ވަޑައިގެންނެވި، ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލާގެ ފަރާތްޕުޅުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

ރެޑް ފޯޓުގައި މޯދީ ވަރަށް ޖޯޝުގައި ތަގްރީރު ދެއްވަމުން ދިޔައިރު އެ ތަގްރީރު އަޑުއެއްސެވުމުގެ ބަދަލުގައި ކެޖްރިވާލް އިންނެވީ ތާއްޔާ ޖެހިޖެހި އެވެ. އޭނާ އިށީނދެވަޑައިގެން އިންނެވީ ވީއައިޕީންގެ ތެރޭގަ އެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު މޯދީ ތަގްރީރު ދެއްވަމުން ދިޔަ އިރު ދިއްލީގެ ޗީފް މިނިސްޓަރު ކެޖްރިވާލް (މ) ތާއްޔާ ޖެހިޖެހި.
އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު މޯދީ ތަގްރީރު ދެއްވަމުން ދިޔަ އިރު ދިއްލީގެ ޗީފް މިނިސްޓަރު ކެޖްރިވާލް (މ) ތާއްޔާ ޖެހިޖެހި.

ކެޖްރިވާލް ތާއްޔާ ޖެހޭ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ކެޖްރިވާލް ދިފާއު ކުރައްވާ ދިއްލީގެ ޑިޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޮޑިއާ ވިދާޅުވީ މޯދީގެ ތަގްރީރު ވަރަށް ފޫހި ކަމަށާއި އެއީ މީހަކު ތާއްޔާ ނުޖެހޭ ވަރުގެ ތަގްރީރެއް ނޫން ކަމަށެވެ.

ކެޖްރިވާލްގެ އިތުރުން ޔޫނިއަން މިނިސްޓަރު އަރުން ޖައިޓްލީ ވެސް ތާއްޔާ ޖެހޭ މަންޒަރުތަކެއް ވަނީ އާއްމުވެފަ އެވެ.

ބޮޑު ވަޒީރު މޯދީގެ 90 މިނިޓުގެ ތަގްރީރަށް ކެޖްރިވާލް އާއި އޭނާގެ އާމް އާދުމީ ޕާޓީގެ މެންބަރުން ސަމާލުކަން ނުދިނުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. ދިއްލީ ސަރުކާރަށް ލިބިދެވޭން ޖެހޭ ބާރުތައް ނުލިބިގެން ކެޖްރިވާލް ކޯޓަށް ހިންގަވާތާ ވެސް އެތަައް ދުވަހެއް ވެއްޖެ އެވެ. އުމުރުން 47 އަހަރުގެ ކެޖްރިވާލް އާއި މޯދީގެ ބީޖޭޕީ ސަރުކާރާ ދެމެދު އޮތީ މާ ރަނގަޅު ގުޅުމެއް ނޫނެވެ.