ނިއު ދިއްލީ (އޮގަސްޓް 15) - ވޭތުވެދިޔަ ދެ އަހަރު ތެރޭ އިންޑިއާގައި 20 މިލިއަން ފާޚާނާ ހަދައިދީފައިވާ ކަމަށް މިނިވަން ދުވަހުގެ ރިޕޯޓް ކާޑު އިއްވަވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ނިއު ދިއްލީގެ ރެޑް ފޯޓުގައި ދެއްވި ތަގްރީރުގައި މޯދީ ވަނީ ކަރަންޓް ނެތް އަވަށްތަކުގެ އެތައް ހާސް ބަޔަކަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރު އޮތީ ވައުދުތައް ފުއްދުމުގައި ރަނގަޅު މަގުގައި ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ ވަނީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ކޮންމެ ގެއަކަށް ފާޚާނާ އާއި ކަރަންޓުގެ ޚިދުމަތް ހަތަރު އަހަރު ދުވަހުތެރޭ ފޯރުކޮށްދެއްވާނެ ކަމަށް 2014 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ތަގްރީރުގައި ވިދާޅުވެފަ އެވެ. އެއީ މޯދީ ދެއްވި މިނިވަން ދުވަހުގެ ފުރަތަމަ ތަގްރީރެވެ.
"މިއަދު އަޅުގަނޑު މިދަންނަވަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި 20 މިލިއަން ފާޚާނާ ވަނީ ހަދައިދީފައިކަން،" މޯދީ ވިދާޅުވި އެވެ.
އިންޑިއާގައި ހާމަ ތަންތަނަށް ފާޚާނާ ކުރުމަކީ އެ ގައުމަށް ދިމާވެފައިވާ ސިއްހީ އެންމެ ބޮޑު ނުރައްކަލެވެ. ޔުނިސެފުން ބުނި ގޮތުގައި ގައުމުގެ އާބާދީގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ނުވަތަ 594 މިލިއަން މީހުން ފާޚާނާ ކުރަނީ ހާމަ ތަންތަނަށެވެ.
އިންޑިއާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް މެއި، 2014 ގައި ވަޑައިގަތުމަށް ފަހު މޯދީ ވަނީ ބޭރަށް ހިންގުން ފަދަ ރޯގާތައް ކޮންޓްރޯލް ކުރުމަށް ކޮންމެ ގެއެއްގައި ވެސް ފާޚާނާއެއް ހުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ތަގްރީރުގައި މޯދީ ވަނީ އިންޑިއާގެ ކޮންމެ އަވަށަކަށް ކަރަންޓް ދިނުމަށް 1،000 ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރުމަށް ސްޓޭޓްތަކުގެ ސަރުކާރުން މަސައްކަތްކޮށް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
"އިންޑިއާގެ މިނިވަން ކަމަށް 70 އަހަރު ފުރިގެންދާ އިރު މި ފަގީރު އަވަށްތަކުގެ މީހުންނަށް މަޖްބޫރުވެފައި ވަނީ 18 ވަނަ ގަރުނެކޭ އެއްގޮތަށް ދިރިއުޅެން. މި ހާލަތު ބަދަލު ކުރުމަށް މި ވައުދު ވަނީ،" މޯދީ ވިދާޅުވި އެވެ. "1000 ދުވަހުގެ ދެބައި ކުޅައެއްބައި އަދި ހޭދަވެގެން ނުދިޔަ ނަމަވެސް 18،000 އަވަށުގެ ތެރޭން 10،000 އަވަށަށް ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައި."
އިންޑިއާ ސަރުކާރުން މިދިޔަ އަހަރު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ކަރަންޓުގެ ޚިދުމަތުން މަހްރޫމްވެފައިވާ 300 މިލިއަން މީހުން ދިރިއުޅެ އެވެ.