ނިއު ދިއްލީ (އޮގަސްޓް 15) - އިންޑިއާ އަށް ގެނައި އިގްތިސާދީ އިސްލާހީ ބަދަލުތަކާ އެކު އެ ގައުމަކީ މިހާރު ބޭރުގެ އިންވެސްޓަރުންނަށް އެންމެ މަގްބޫލް މަންޒިލް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެރިރަށް ނިއު ދިއްލީގެ 17 ވަނަ ގަރުނުގެ ރެޑް ފޯޓުގައި މޯދީ ދެއްވި ތަގްރީރުގައި ވަނީ ދާދި ފަހުން ފާސްކުރި އިންޑިއާގެ ޓެކްސް ބިލަށް ތައުރީފް ކުރައްވައިފަ އެވެ.

"ވޯލްޑް ބޭންކު ކަމަށްވިޔަސް، އައިއެމްއެފް ކަމަށްވިޔަސް، ވޯލްޑް އިކޮނޮމިކް ފޯރަމް ނުވަތަ އެހެން ކްރެޑިޓް ރޭޓިން އެޖެންސީއަކަށް ވިޔަސް، ދުނިޔޭގެ ހުރިހާ މުވައްސަސާތަކުން މިހާރު ދަނީ އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށް ތައުރީފް ކުރަމުން،" މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ އިގްތިސާދަށް ބަދަލުތައް ގެނައުމަށް ނިޒާމަށް ގެންނަމުންދާ ބަދަލުތަކަށް މޯދީ ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ފަސޭހަ އިން ވިޔަފާރި ކުރެވޭ ގައުމުތަކުގެ ލިސްޓުގެ ކުރިން އިންޑިއާ މިވަނީ ޖާގަ ހޯދާފައި. އިންޑިއާ މިވަނީ ބޭރުގެ އިންވެސްޓަރުން ވިޔަފާރި ކުރަން އެންމެ ފަސޭހަ ގައުމަށް މިހާރުވެފައި. އިގްތިސާދީ ކުރިއެރުމަށް ބަލާއިރު އިންޑިއާ މިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތައް ފަހަތަށް ޖައްސާލާފައި،" މޯދީ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރު އިންޑިއާގެ އިގްތިސާދީ ކުރިއެރުން ވަނީ 7.6 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ. އަދި ގައުމުގެ އިންފްލޭޝަން ދެ އަކުރުގެ އަދަދަކުން މިހާރު ހަ ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ. ފަހަކަށް އައިސް އިންޑިއާ އަށް ގެނައި އެންމެ ބޮޑު އިގްތިސާދީ ބަދަލަކީ ކުރިން ނަގަމުން އައި އެކި ބާވަތްތަކުގެ ޓެކްސްތަކުގެ ބަދަލުގައި ޖީއެސްޓީ ނަގަން މިދިޔަ މަހު ފާސްކުރުމެވެ.

މޯދީގެ ތަގްރީރުގައި ވަނީ އިންޑިއާގައި ވެސް މައްސަލަތައް ހުންނާނެ ކަމަށާއި އެކަމަކު އެ މައްސަލަތައް ހައްލު ކުރުމަށް އެ ގައުމުގައި 1.25 ބިލިއަން ސިކުނޑިވާ ކަމަށް ވިދާޅުވެފަ އެވެ.