ޝިކާގޯ (އެޕްރީލް 24) - އެމެރިކާގެ ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން ރައީސް ބަރަކް އޮބާމާ ފުރަތަމަ ފަހަރަށް މިރޭ އާއްމު ތަގުރީރެއް ދެއްވާނެ އެވެ.
އޮބާމާ ދިރިއުޅުއްވި ޝިކާގޯގެ ޒުވާން ލީޑަރުންނަށް މުޚާތަބު ކުރައްވާ ދެއްވާ ތަގުރީރު އޮންނާނީ ޝިކާގޯ ޔުނިވާސިޓީގަ އެވެ. އޮބާމާގެ އޮފީހުން ވިދާޅުވީ މިއީ ކުރިމަގަށް ޒުވާން ލީޑަރުން އުފެއްދުމަށް އޮބާމާ ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ދެއްވާ ތަގުރީރެއް ކަމަށެވެ. ޝިކާގޯ ހިމެނޭ ސަރަހައްދުގެ ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ވަނީ މި އިވެންޓަށް ދައުވަތު ދީފަ އެވެ.
އެމެރިކާގެ 44 ވަނަ ރައީސް އާއްމު ތަގުރީރަކަށް ނުކުންނަވާ އިރު އެމަނިކުފާނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް ވަނީ 100 ދުވަސް ފުރެން ކައިރިވެފަ އެވެ. ނަމަވެސް ގައުމުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން އޮބާމާގެ ތަގުރީރުގައި އަލިއަޅުވާލާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލުން ބުނެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އޮބާމާ ވަނީ ޝިކާގޯ ކްރިއޭޓް ރިއަލް އިކޮނޮމިކް ޑެސްޓިނީ ޕްރޮގްރާމުގެ ޒުވާން ކުދިްނނާ އެކު ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި ދަރިވަރުންގެ ވާހަކަތައް އަޑު އައްސަވާ އަދި އޮބާމާ ބޮޑުފުޅުވި އިރު ދިމާވި ގޮންޖެހުންތައް ހިއްސާ ކުރެއްވި ކަމަށް އޮބާމާގެ ތަރުޖަމާން ކެވިން ލުއިސް ވިދާޅުވި އެވެ.
ޖެނުއަރީ މަހު ފަހުކޮޅު ވައިޓްހައުސް އިން ނުކުމެވަޑައިގަތުމަށް ފަހު އޮބާމާ އާއި އަނބިކަނބަލުން ބޮޑަށް އުޅުއްވީ އާއްމުންގެ ލޯތަކާ ދުރުގަ އެވެ. ނަމަވެސް ގޮލްފް ކުޅުއްވުމާއި ކެރީބިއަންގެ ޕްރައިވެޓް އައިލެންޑެއްގައި އޮބާމާ ޗުއްޓީ ހޭދަކުރެއްވި ބައެއް މަންޒަރުތައް ވަނީ އާއްމުވެފަ އެވެ.