ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު މާނިޔާ އާދަމް، ރަން މެޑަލް ހޯދައިފި އެވެ.
މާނިޔާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މާނިޔާ ސެޓްތައް ކާމިޔާބު ކުރީ 21-19 އަދި 21-10 އިންނެވެ.
މުބާރާތުގެ ފައިނަލަށް މާނިޔާ ދަތުރު ކުރީ ޖޯޑަން އާއި މޮންގޯލިއާ ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. މާނިޔާގެ ކޯޗަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ވެސް ހިމެނޭ އައިޝަތު އަފްނާން ރަޝީދު (ނާނު) އެވެ.
މިއީ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭން ބެޑްމިންޓަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މުހައްމަދު ރާއިފް ޝަރީފް މިއަދު ކުޅޭނީ ފިރިހެން ޑިވިޝަންގެ ތިންވަނަ ހޮވާ މެޗުގަ އެވެ.
މި ރަން މެޑަލް އަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ދެވަނަ ރަން މެޑަލް އެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ މުބާރާތުގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދި އެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖޭން ވާދަކުރި ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް ވަނީ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.