ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް 200 މީޓަރުން އިއްޔެ ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ޖަރުމަންގެ ބާލިންގައި މި އަހަރު ބާއްވާ ވޯލްޑް ގޭމްސް އަކީ ރައްޖެއިން ސްޕެޝަލް އޮލިމްޕިކްސްއިން ވޯލްޑް ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. ޒާނާގެ މި މެޑަލް އަކީ އެ ގޭމްސްގެ ތާރީހުގައި ރާއްޖެއިން ހޯދި ތިންވަނަ މެޑަލް އެވެ.
މެޑަލް ނުލިބުނަސް، ރާއްޖޭގެ އެހެން ބައެއް އެތުލީޓުން ވަނީ މިފަހަރު ގޭމްސްގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން ރާއްޖޭގެ ހަސަން ސޫޖޫދު ނާޝިދު ވަނީ ސްޓޭންޑިން ލޯންގްޖަމްޕުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ސްޕްރިންޓްގެ 100 މީޓަރު ފައިނަލަށް ޒާނާ އާއި އައިޝަތު ލައިކާ ހަސަން ދަތުރު ކުރި އެވެ. ލައިކާ ވަނީ 200 މީޓަރުގެ ފައިނަލުގައި ފަސްވަނަ ހޯދައިފަ އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި 2019 ގައި ބޭއްވި ވޯލްޑް ގޭޟްސްގައި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްއިން ބައިވެރިވީ އެތުލެޓިކްސްގައި އެކަންޏެވެ. އެކަމަކު މިފަހަރު އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަންގައި ވެސް ވާދަ ކުރެ އެވެ.
ބެޑްމިންޓަންގައި އައިޝަތު މާނިޔާ އާދަމް ވަނީ އުރުދުންގެ އާއިޝަތު އަލް އަވާދު ބަލިކޮށްފަ އެވެ.