ފްރާންސް ޓީމުގައި އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިޔަކު ނެތް ކަމަށް ބުނުމުން، ސްޕެއިންގެ ކުރީގެ ބޮޑުވަޒީރު މާރިއާނޯ ރާހޯއި ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ވޯލްޑް ކަޕާ ގުޅިގެން، ސްޕެއިންގެ އެލް ޑިބޭޓް ނޫހަށް، މދިޔަ ހުކުރު ދުވަހު ލިޔުނު ކޮލަމްގައި ރާހޯއި ބުނެފައި ވަނީ ފްރާންސް ޓީމު ވަރަށް މޮޅު ކަމަށާއި ނަމަވެސް އެ ޓީމުގައި "ފްރާންސް ކުޅުންތެރިޔެއް ނެތް" ކަމަށެވެ.
ހުކުރު ދުވަހު އާންމު ކުރި އެ ލިޔުމުގެ މައްސަލަ ހޫނުވީ އިއްޔެ އެވެ. މައްސަލަ އިތުރަށް ހޫނުވާން ދިމާވީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިން އާއި ފްރާންސް ވާދަކުރަންޖެހުމުންނެވެ.
"ފްރާންސަކީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވެ އެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް ވާދަކުރިކަން ހަނދާން ބެހެއްޓުން މުހިންމެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.
"މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމު ކުޅުނު ކޮންމެ މެޗަކުން ވަނީ މޮޅުވެފަ އެވެ.. އަދި މިހާރު ފީފާ ރޭންކިންގެ އެއްވަނައިގައި އޮތީވެސް އެމީހުންނެވެ. އެމީހުންގެ އޮތީ އެންމެ މަތީ ފަންތީގެ ސްކޮޑެކެވެ. ނަމަވެސް އެ ޓީމުގައި އެއްވެސް ފަރަންސޭސި ކުޅުންތެރިއަކު ނެތެވެ. އަދި އެމީހުން ކުޅެމުންދަނީ ވަރަށް މޮޅަށެވެ. އެމީހުން ވާނީ ބަލިކުރަން އުނދަގޫ، ވަރުގަދަ ވާދަވެރިއަކަށެވެ."
ސްޕެއިންގެ ކޮންޒަވޭޓިވް ޕާޓީގެ މެންބަރު ރާހޯއި، ވަނީ 2011 އިން 2018 އަށް ސްޕެއިންގެ ބޮޑުވަޒީރުކަން ކޮށްފަ އެވެ.
އޭނާ ލިޔުނު ކޮލަމްގައި ހުރި ވާހަކަތަކާ ގުޅިގެން ސްޕެއިންގެ މިހާރު ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ ރައްދު ދެއްވާފަ އެވެ.
"ގައުމަކަށް ނިސްބަތްވުން ނުވަތަ ގައުމުގެ އަހުލުވެރިއަކަށް ވުން، އަދިވެސް ބައެއް މީހުން މިނަނީ އެމީހެއްގެ ނިސްބަތްކަމަށް.، އުފަންވި ރަށް ނުވަތަ ހަމުގެ ކުލައަށް ބަލައިގެން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޕެޑްރޯ ސަންޗޭޒް ލިޔުއްވާފައިވެ އެވެ.
"ނަމަވެސް އަނެއް ބަޔަކު އެކަން މިނަނީ ގައުމާ އޮތް ގުޅުމަށާއި ގައުމަށް ކޮށްދޭން ބޭނުންވާ ހިދުމަތްތަކަށް ބަލައިގެންނެވެ. އެއީ ފުޓްބޯޅަ ކުޅުން ކަމުގައި ވިޔަސް، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުން ކަމުގައި ވިޔަސް، ނުވަތަ ވިޔަފާރިތައް ހުޅުވުން ކަމުގައި ވިޔަސްމެ އެވެ. ސްޕެއިން ނިސްބަތްވަނީ އެ ގައުމުދެކެ ލޯބިވާ އަދި ގައުމަށްޓަކައި މަސައްކަތްކޮށްދޭ މީހުންނަށެވެ. ނަސްލީ އިމްތިޔާޒުގެ ވާހަކަތަކުން ގައުމު ލަދުގަންނުވާލާ މީހުންނަކަށް ނޫނެވެ."
ފްރާންސްގެ ސަރުކާރުން ވަނީ ރާހޯއިގެ މި ވާހަކަތަކަށް ރައްދު ދީފަ އެވެ.
"އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން،" ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށްވެސް ފްރާންސް ސިފަކޮށްދޭ ގޮތެއް ނޫން. ފްރާންސަކީ ތަފާތު އެކި ނަސްލުތަކާއި ސަގާފަތްތައް އެކުލެވޭ ގައުމެއް. އެއީ ކޮންމެ މީހަކަށްވެސް ކުރިއެރުމާއި އެމީހެއްގެ މަގާމު ހޯދޭނެ ފަދަ ގައުމެއް."
މާރިއާނޯ ރާހޯއިއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި، ފްރާންސާއި ނަސްލީގޮތުން ދިމާކުރި ދެވަނަ ސިޔާސީ ލީޑަރެވެ.
ޕެރގަުއޭގެ މަޖިލިސް މެންބަރަކު ވެސް، ވަނީ މިފަހަރު ވޯލްޑް ކަޕްގައި އެ ގައުމާ ދެކޮޅަށް ފްރާންސް ކުޅުނު މެޗަށް ފަހު، ކެޕްޓަން ކިލިއަން އެމްބާޕޭއާ ނަސްލީގޮތުން ދިމާކޮށްފަ އެވެ.