ބެއިޖިން (މާޗް 28) - ޗައިނާ އިން ޖައްވަށް ދޫކޮށްލާފައިވާ، މިހާރު ބޭނުން ނުކުރާ، ސްޓޭޝަން އަންނަ ހުކުރު ދުވަހުގެ ކުރިން ވެސް ދުނިޔެ އަށް ވެއްޓިދާނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.
ޖައްވީ ސްޓޭޝަން ޓިއަންގޮން-1 އަކީ ޗައިނާގެ އުއްމީދީ ޖައްވީ ޕްރޮގްރާމުގެ ބައެކެވެ. ޗައިނާގެ އުއްމީދަކީ މީހުންނާ އެކު ޖައްވީ ސްޓޭޝަނެއް 2022 ގައި ގާއިމްކުރުމެވެ. ޗައިނާގެ ޖައްވީ ސްޓޭޝަން އޯބިޓަށް ދޫކޮށްލާފައި ވަނީ 2011 ވަނަ އަހަރު އެވެ. އަދި ފަސް އަހަރު ފަހުން ވަނީ ސްޓޭޝަނުގެ މިޝަން ފުރިހަމަކޮށްފަ އެވެ. އޭގެ ފަހުން އެ ސްޓޭޝަން ބިމަށް ވެއްޓިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސްޓޭޝަން ވެއްޓޭ އިރު ކޮންޓްރޯލެއް ނޯންނާނެތީ ވެއްޓޭނެ އިރަކާއި ތަނެއް ލަފާކުރަން ވަނީ ދަތިވެފަ އެވެ. އެންމެ ފަހުގެ ލަފާ ކުރުންތައް ދައްކަނީ މި މިހު 30 އާއި އެޕްރީލް 2އާ ދެމެދު ސްޓޭޝަން ވެއްޓިދާނެ ކަމަށެވެ.
ސްޓޭޝަނުގެ ބޮޑު ބައި ޖައްވުގައި އަނދައިގެން ދިޔަ ނަމަވެސް ސްޓޭޝަނުގެ ބައިތައް ދުނިޔެ އަށް ވެއްޓޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޗައިނާ އިން 2016 ވަނަ އަހަރު ވަނީ ޓިއަންގޮން-1 އާ ގުޅުން ކެނޑިފައިވާކަން ޔަގީންކޮށްދީފަ އެވެ. އަދި އެ ސްޓޭޝަނުގެ ކޮންޓްރޯލް ގެއްލިފައިވާތީ ވެއްޓޭނެ ވަކި ތަނެއް ނޭނގޭ ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ. ނަމަވެސް ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއީ) އިން ދަނީ ޓިއަންގޮން-1 މޮނިޓާ ކުރަމުންނެވެ.
އޮސްޓްރޭލިއަން ސެންޓަ ފޯ ސްޕޭސް އިންޖިނިއަރިން ރިސާޗްގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އެލިއަސް އެބައުޓެނިއޮސް ވިދާޅުވީ ސްޓޭޝަން ވެއްޓޭ އިރު ދުނިޔެއާ ކައިރިވަމުން ދިޔަ ވަރަކަށް އޭގެ ހޫނުމިން މަތިވެ އަމިއްލަ އަށް އަނދާނެ ކަމަށެވެ. އަދި ބައިބޯ ސަރަހައްދެއްގެ މަތިން ސްޓޭޝަނުގައި ރޭގަނޑު ރޯވެއްޖެ ނަމަ ގިނި ހިލައެއްގެ ގޮތުގައި ފެނިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެބައުޓެނިއޮސް ވިދާޅުވީ ސްޓޭޝަނުން ވަކިވާ ބައެއް ދުނިޔެ އަށް ވެއްޓުނު ނަމަވެސް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށެވެ.