ސައުދީ އަރަބިއާ އިސްކޮށް އޮވެ އަލަށް އުފެއްދި ސައުތު ވެސްޓް ފުޓްބޯލް އެސޯސިއޭޝަން (ސްވާފް) ގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އިންތިހާބުވެވަޑައިގެންފި އެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަވީދު އޭޝިއާ ފުޓްބޯޅައިގެ ނުފޫޒު ގަދަ މަގާމަކަށް މި ފަހަރު ހޮވިވަޑައިގަތީ ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަޒްޚޫމް ފައިސަލާ ވާދަކުރައްވައިގެންނެވެ. ސައޫދީ އަރަބިއާގެ ޖިއްދާގައި މިއަދު ބޭއްވި ޖަމިއްޔާގެ ފުރަތަމަ ކޮންގްރެސްގައި ޝަވީދު އަށް ވޯޓް ކާމިޔާބުކުރެއްވި އިރު ފައިސަލަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
ޖަމިއްޔާގެ ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތެވެ. ދެކުނު އޭޝިއާ ފަޅިން ނައިބް ރައީސްގެ މަގާމަށް އިންޑިއާގެ ސުބްރަތާ ދައްތާ އަދި ހުޅަނގު އޭޝިއާ ފަޅިން ވަޑައިގެންނެވީ ޔޫއޭއީގެ އަބްދުﷲ އަލް ޖުނައިބީ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޝަވީދު ކުޅިވަރުގެ ހިންގުމުގެ ދާއިރާ އަށް ރަސްމީކޮށް ނުކުންނެވީ 2007 ވަނަ އަހަރު އުފެއްދި ވީބީ އައްޑޫ އެފްސީގެ ތެރެއިންނެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް 2012 ވަނަ އަހަރު ވަޑައިގެންނެވި ޝަވީދު ވަނީ ފީފާ އިން އެފްއޭއެމް ހިންގުން ހަވާލުވި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން 2014 އިން އިން ފެށިގެން ދޮޅު އަހަރެއްހާ ދުވަހު ކުރައްވައިފަ އެވެ. އެފްއޭއެމް އިންތިހާބަކާ ހަމައަށް ގެނައުމުގެ އިތުރުން ޝަވީދު ވަނީ އެ ކޮމިޓީގެ ތެރެއިން ފުޓްބޯޅައަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފަ އެވެ. ފުޓްބޯޅަ ލީގު ރީބްރޭންޑްކޮށް ކްލަބްތަކަށްދޭ މާލީ އެހީތެރިކަން އެތައް ގުނައަކަށް އިތުރުކޮށް އަދި އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައި ގިނަ ރަށްތަކެއްގެ ދަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
އޭނާ މިއަދު އިންތިހާބުވެވަޑައިގެންނެވި ސްފާފްގެ މެމްބަރުންނަކީ ސައުދީ އާއި ރާއްޖޭގެ އިތުރުން ހުޅަނގު އޭޝިއާ އަށް ނިސްބަތްވާ ބަހުރޭނާއި އިރާގާއި ކުވޭރާއި އޮމާނާއި ޔޫއޭއީ އާދި ޔަމަން އަދި ދެކުނު އޭޝިއާ އަށް ނިސްބަތްވާ އިންޑިއާ އާއި ބަންގްލަދޭޝާއި ބޫޓާނާއި ނޭޕާލާއި ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.
ޖަމިއްޔާގެ އަސާސީ ގަވާއިދު ވެސް މިއަދު ފާސްކޮށްފައިވާއިރު ވަރަށް އަވަހަށް ކޮމިޓީތައް ހެދި މުބާރާތްތައް ފަށާނެ އެވެ. ޖިއްދާގައި މިއަދު ބޭއްވި ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާލް އަދީލް ޖަލީލްގެ އިތުރުން ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޖަމިއްޔާ އުފެއްދުމަށް ފީފާ އާއި އޭއެފްސީގެ ރުހުން ދީފައިވާއިރު ޖަމިއްޔާގައި ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަދި ހުޅަނގު އޭޝިއާގެ ގައުމުތަކުން ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުގައި ހަރަކާތްތެރިވުމަކުން މައްސަލައެއް ނެތް ކަމަށްވެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައިވާ ގޮތުގައި މި ޖަމިއްޔާ އުފެދުމަކީ ދިވެހި ފުޓްބޯޅަ އާއި ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމާ ބެހޭގޮތުން ވެސް ޖަމިއްޔާގައި މަޝްވަރަކުރެވުނު ކަމަށާއި އެއީ ވެސް ރާއްޖެ އަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ކުރިއެރުމުގެ ސަބަބަކީ ފުޓްބޯޅައިގެ ވަސީލަތްތަކާއި ތަމްރީނާއި ކޯޗިންގެ މައުލޫމާތު ހުރުމާއި ކޮމާޝިއަލް އަދި މުބާރާތްތަކުގެ ތަޖުރިބާ ހުރުމަށް ކަމަށްވެފައި އަމާޒަކީ މި ޖަމިއްޔާގެ މެމްބަރު ގައުމުތަކުގައި އެކަންކަން ތަރައްގީކުރުން ކަމަށެވެ. އެއާ އެކު އެ ގައުމުތަކާ ވާދަކުރެވޭ ފެންވަރަށް ގެންގޮސް ވޯލްޑް ކަޕަށް އޭޝިއާ އިން ކޮލިފައިވާ ގައުމުތަކުގެ އަދަދު އިތުރުކުރުމަކީ އަމާޒެއް ކަމަށް ބުނެފައިވެ އެވެ.
ހުޅަނގު އޭޝިއާގެ ގައުމުތަކަށް ވުރެ ނިސްބަތުން ފުޓްބޯޅައިގައި ބަލިކަށި ގައުމުތަކެއް ހިމަނައިގެން ސައުދީ އަރަބިއާ އިން މި ޖަމިއްޔާ އުފައްދާ ސަބަބާ މެދު މީޑިއާގައި ސުވާލުތަކެއް އުފައްދާފައިވެ އެވެ.. ޖަމިއްޔާ އުފެއްދުމާ މެދުއިރުމަތީގައި މިހާރު އޮތް ސިޔާސީ "ބައިބައިވުންތަކާ" ގުޅުވައިގެން ވެސް ވާހަކަތަކެއް ދެކެވުނެވެ. ހުޅަނގު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހެޑްކުއާޓާޒް އުރުދުންގެ ވެރިރަށް އައްމާނުގައި ހުންނައިރު އެތަން ޖިއްދާ އަށް ބަދަލުކުރަން ޖަމިއްޔާގެ ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން ވަނީ ދާދި ފަހުން ދެކޮޅު ހައްދަވައިފަ އެވެ. އެއީ ވެސް ޖަމިއްޔާ އުފައްދަން މަސައްކަތްކުރަން ޖެހުނު ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލަށް އުފައްދާ ޖަމިއްޔާގެ ހެޑްކުއާޓާޒް ގާއިމްކުރާނީ ޖިއްދާގަ އެވެ.