ސައޫދީ އަރަބިއާ އިސްކޮށް އޮވެ ދާދި ފަހުން އުފެއްދި ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މި ޖަމިއްޔާގައި ރާއްޖޭން ބައިވެރިވިކަން އެފްއޭއެމުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އަކީ ފައުންޑިން މެމްބަރެކެވެ. ޖަމިއްޔާގައި ދެން ހިމެނެނީ ސައުދީގެ އިތުރުން ހުޅަނގު އޭޝިއާ އަށް ނިސްބަތްވާ ބަހުރޭނާއި އިރާގާއި ކުވޭރާއި އޮމާނާއި ޔޫއޭއީ އާދި ޔަމަން އަދި ދެކުނު އޭޝިއާ އަށް ނިސްބަތްވާ އިންޑިއާ އާއި ބަންގްލަދޭޝާއި ބޫޓާނާއި ނޭޕާލާއި ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.
އެ ޖަމިއްޔާގެ ޓްވިޓާ އެކައުންޓުގައި އިއްޔެ ޝާއިއުކުރި ވީޑިއޯއެއްގައި ބައްސާމް ވިދާޅުވީ މި ޖަމިއްޔާ އުފެދުމަކީ ދިވެހި ފުޓްބޯޅަ އާއި ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމާ ބެހޭގޮތުން ވެސް ޖަމިއްޔާގައި މަޝްވަރަކުރެވުނު ކަމަށާއި އެއީ ވެސް ރާއްޖެ އަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން މި ހުރިހާ ސަބަބުތަކަށްޓަކައި އަޅުގަނޑު ދެކޭ ގޮތުގައި މި ޖަމިއްޔާ އުފެދުމަކީ ރާއްޖެ އަށް ހާއްސަ، ވަރަށް ރަނގަޅު، އަދި ވަރަށް ޝައުގުވެރި ކަމެއް،" ބައްސާމް ވިދާޅުވި އެވެ.
މި ޖަމިއްޔާ އުފެއްދުމަށް ފީފާ އާއި އޭއެފްސީގެ ރުހުން ދީފައިވާކަމަށްވެ އެވެ. އަދި ޖަމިއްޔާގައި ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަދި ހުޅަނގު އޭޝިއާގެ ގައުމުތަކުން ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުގައި ހަރަކާތްތެރިވުމަކުން މައްސަލައެއް ނެތް ކަމަށްވެ އެވެ.
ޖަމިއްޔާގެ ވަގުތީ ރައީސް އަދި ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް އިއްޒަތު ވިދާޅުވީ ހުޅަނގާއި ދެކުނު އޭޝިއާގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، މިހާރު ވެސް އުފެދިފައިވާ ޖަމިއްޔާތަކާ އެކުގައި މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ކުރިއެރުމުގެ ސަބަބަކީ ފުޓްބޯޅައިގެ ވަސީލަތްތަކާއި ތަމްރީނާއި ކޯޗިންގެ މައުލޫމާތު ހުރުމާއި ކޮމާޝިއަލް އަދި މުބާރާތްތަކުގެ ތަޖުރިބާ ހުރުމަށް ކަމަށްވެފައި އަމާޒަކީ މި ޖަމިއްޔާގެ މެމްބަރު ގައުމުތަކުގައި އެކަންކަން ތަރައްގީކުރުން ކަމަށެވެ. އެއާ އެކު އެ ގައުމުތަކާ ވާދަކުރެވޭ ފެންވަރަށް ގެންގޮސް ވޯލްޑް ކަޕަށް އޭޝިއާ އިން ކޮލިފައިވާ ގައުމުތަކުގެ އަދަދު އިތުރުކުރުމަކީ އަމާޒެއް ކަމަށް ބުނެފައިވެ އެވެ.
ޖަމިއްޔާގެ އަސާސީ ގަވާއިދު ފާސްކޮށް އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރާނީ އޮގަސްޓް 12 ވަނަ ދުވަހު ބާއްވާ ޖަމިއްޔާގެ ފުރަތަމަ އަހަރީ އާއްމު ބައްދަލުވުމުގަ އެވެ. އެކަމަކު މިދިޔަ މޭ މަހު ޖިއްދާގައި އަދި މޮސްކޯގައި ބޭއްވި ފީފާގެ ކޮންގްރެސްގެ ހަވާސާގެ ތެރެއިން ވެސް ޖަމިއްޔާގެ ބައްދަލުވުންތަކެއް ބާއްވައި ވަރަށް ގިނަ ކަންކަން ނިންމާފައިވާ ކަމަށްވެ އެވެ. އަދި ޖަމިއްޔާގައި ބައިވެރިވުމަށް ކޮންމެ ގައުމަކަށް 500،000 ޑޮލަރު ދިން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ހުޅަނގު އޭޝިއާގެ ގައުމުތަކަށް ވުރެ ނިސްބަތުން ފުޓްބޯޅައިގައި ބަލިކަށި ގައުމުތަކެއް ހިމަނައިގެން ސައުދީ އަރަބިއާ އިން މި ޖަމިއްޔާ އުފައްދާ ސަބަބާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ޖަމިއްޔާ އުފެއްދުމާ މެދުއިރުމަތީގައި މިހާރު އޮތް ސިޔާސީ "ބައިބައިވުންތަކާ" ގުޅުވައިގެން ވެސް ވާހަކަތަކެއް ދެކެވުނެވެ. ހުޅަނގު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހެޑްކުއާޓާޒް ހުންނަނީ އުރުދުންގެ ވެރިރަށް އައްމާނުގަ އެވެ. އެތަން ޖިއްދާ އަށް ބަދަލުކުރަން ޖަމިއްޔާގެ ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން ވަނީ ދާދި ފަހުން ދެކޮޅު ހައްދަވައިފަ އެވެ. އެއީ ވެސް ޖަމިއްޔާ އުފައްދަން މަސައްކަތްކުރަން ޖެހުނު ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލަށް އުފައްދާ ޖަމިއްޔާގެ ހެޑްކުއާޓާޒް ގާއިމްކުރާނެ ކަމަށް ބެލެވެނީ ޖިއްދާގަ އެވެ.