އިރުވައިމޫސުން ފެށޭ އިރު ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިން އަރާހެން ފުވައްމުލަކަށް ފުޅަނގި އަރަން ފަށައިފި އެވެ.
ފުވައްމުލަކުން "މިހާރު"އަށް މައުލޫމާތު ދިން އަލީ ޝަރީފް ބުނީ އެރަށަށް ފުޅަނގި އަރަން ފެށިތާ މިހާރު 10 ވަރަކަށް ދުވަސް ވެެއްޖެ ކަމަށާއި އެކަމަކު މިއަދަކީ އެންމެ ގިނައިން ފުޅަނގި އެރި ދުވަސް ކަމަށެވެ. އޭނާ ބުނިގޮތުގައި ފުޅަނގި ހޮވަން މިއަދުވެސް ފުވައްމުލަކުގެ ހުޅަނގު ފަރާތަށް 600 އަށް ވުރެ ގިނަ މީހުން ނުކުމެ ތިބި ކަމަށެވެ.
"އަޅުގަނޑުމެން ކިޔަނީ ހުޅައްމަހާ، ހުޅައްމަހާ ހޮވަން މިއަދުވެސް 600 އަށް ވުރެ ގިނަ މީހުން ނުކުތް. މިއަދު ނުކުތް ކޮންމެ މީހަކަށް ވެސްް ދިހަވަރަކަށް އެތި ލިބުނު،" އޭނާ ބުންޏެވެ.
އިރުވައިމޫސުން ފެށި، ހަޅަޖަހާ ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަަކަށް ކުރިން ފުޅަނގި އަރައެވެ. އެގޮތަށް ފުޅަނގި އަރަނީ އާއްމު ގޮތެއްގައި މަސްވެރިކަން ރަނގަޅުވެ، ކަންނެއްޔާއި ގޮދާ އައިންތައް އަތޮޅުތެރެއަށް ވަނުމުންނެވެ. އެކަމަކު ރާއްޖޭގެ މަސްވެރިކަމަށް ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އައިސް، އަތޮޅުތަކުގެ އެތެރެވަރިއަށް މަސްއައިންތައް ވަނުން މަދުވުމުން، ފުޅަނގި އަރާވަރު ވެސް ވަނީ މަދުވެފަ އެވެ.
ޝަރީފް ބުނީ ފުވައްމުލަކަށް ފުޅަނގި އަރަމުން އަންނަ އިރު ރަށްކަައިރީގައި މަސްވެރިކަން ވެސް މި ދުވަސްވަރު ރަނގަޅު ކަމަށެވެ.
"ފުޅަނގި ވެސް ގިނަ މީހުން މިހާރު ބޭނުންކުރަނީ މަސްވެެރިކަން ކުރަން އެމެއްގެ ގޮތުގައި. އެކަމަކު އެކި އެކި ރެސިޕީތަކަށް ފުޅަނގި ކައްކަން ވެސް ކަށްކާ. ތެލުލުމަކީ ވެސް އާއްމުކޮށް ކުރާ ކަމެއް،" އޭނާ ބުންޏެވެ.
ކުދިބޮޑު އެންމެން ނުކުމެ ފުޅަނގި ހޮވުމަކީ ވަރަށް އުފާވެރިކަމެއް ކަމަށާއި މިހާރު ހީވަނީ ރަށަށް އީދެއް އައިސްގެން އުޅޭހެން ކަަމަށް ވެސް އޭނާ ބުންޏެވެ. ފުޅަނގި ގިނައިން އަރަނީ ވައިގަދަ ދުވަސްވަރު ކަމަށް ވިޔަސް ފުވައްމުލަކަށް މި ދެ ދުވަހު އެހާ ވައިގަދަ ނޫން ކަމަށް އޭނާ ބުންޏެވެ.