އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، ދެކުނުއިރުމަތީ އޭޝިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގެންފި އެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކަމަލާގެ މި ދަތުރުފުޅަކީ، ޗައިނާގެ ނުފޫޒު ދެކުނުއިރުމަތީ އޭޝިޔާގައި ގަދަވަމުން އަންނާތީ، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމެރިކާ އިން ވެފައިވާ ވައުދުގެ ހަނދާން އާކޮށްދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާ ދީ ރޮއިޓާސް އިން ބުނި ގޮތުގައި ކަމަލާގެ މި ދަތުރުފުޅުގެ ބޭނުމަކީ ދެކުނުއިރުމަތީ އޭޝިޔާގައި ޗައިނާގެ ނުފޫޒު ފަތުރަން ދޫކޮށްނުލާނެކަން ކަށަވަރުކޮށްދިނުމެވެ. ނަމަވެސް ކަމަލާގެ މިދަތުރުފުޅު އިއްތިފާގުން ދިމާވީ، އަފްގާނިސްތާނުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، އެ ގައުމު ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ދޫކޮށްލައި އެމެރިކާ ސިފައިން، އަފްގާނިސްތާނުން ފޭބި ދުވަސްވަރާ އެވެ.

"އަފްގާނިސްތާނުގައި ހިނގަމުންދާ ކަންކަމަކީ، ވަރަށް ގިނަ ގައުމުތަކަށް ނާއުންމީދާއި ހިތްދަތިކަން ކުރިމަތިކުރުވާ ކަންތައްތަކެއް. މީގައި ކަންބޮޑުވާން ޖެހެނީ، ކަލޭމެންނަކީ މާ މުހިންމު ބައެއް ނޫންކަމަށް ދެކި، ކަލޭމެން ދޫކޮށްލާފައި އެމެރިކާ ހިނގައިދާނެތީ. ދެން އޭރުން ކަލޭމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ސްޓިމްސަން ސެންޓަރުގެ އިރުމަތީ އޭޝިޔާގެ ކޯ-ޑިރެކްޓަރު ޔުން ސޫން ވިދާޅުވި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އަފްގާނިސްތާނުގައި ހިނގަމުންދާ ކަންކަމުން، ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އަދި ދެކުނު އިރުމަތީ އޭޝިޔާއަކީ، ސްޓްރެޓީޖިކް ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް އެމެރިކާ އަށް ވަރަށް މުހިންމު ސަރަހައްދެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާ ފަދައިން ސިންގަޕޫރަކީ ވެސް، ދެކުނުއިރުމަތީ އޭޝިޔާގައި ޗައިނާގެ ނުފޫޒު ފުޅާވަމުން އަންނާތީ އެކަމާ ކަންބޮޑުވާ ގައުމެކެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި އޮތް ވިއެޓްނާމަކީ ވެސް، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކަށް ޗައިނާ އަތްގަދަކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ގައުމެކެވެ. އޭގެ އިތުރުން، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކެއް، ޗައިނާ އިން އަމިއްލަ ކުރުމާ ގުޅިގެން، ބުރުނާއީ، މެލޭޝިޔާ އަދި ފިލިޕީންސް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކަމަލާގެ މިދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވާނެ އެވެ. އަދި މިހާރު ސިންގަޕޫރުގެ ޗަންގީ އަސްކަރީ ކަނޑުގެ މަރުކަޒުގައި ބަނދަރު ކޮށްފައި އޮތް، އެމެރިކާގެ މަނަވަރު ޔޫއެސްއެސް ތުލްސާ އަށް ޒިޔާރަތް ކުރައްވައި، އެ މަނަވަރުގައި ތިބި ސިފައިންނާ ބައްދަލުކުރައްވާނެ އެވެ. އެއަށް ފަހު ވިއެޓްނާމަށް ވަޑައިގެން ވިއެޓްނާމް ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ އެވެ.