"މިހާރު މީހުން"ގެ މިއަދުގެ ހޮވުމަކީ މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް ތިބި "ޑިސްކަވާ ސޮނެވާ"ގެ އިންސްޓަގްރާމް ފަޅުފިލުވައިދިނުމުގެ ފަހަތުގައި އުޅޭ ޓީމްގެ ހުނަރުވެރިޔެކެވެ. ސޮނެވާ ޖާނީ ރިސޯޓްގެ، ޒުވާން، ޑިޖިޓަލް ސްޓޯރީޓެލާ އަކްޝަމް އަބްދުލް ގާދިރެވެ.
ޑިޖިޓަލް ސްޓޯރީޓެލާއެއްގެ ގޮތުގައި 20 އަހަރުގެ އަކްޝަމްގެ ޒިންމާތައް ވަރަށް ބޮޑެވެ. އެއީ ހަމައެކަނި ފޮޓޯ ނެގުމެއް ނޫނެވެ؛ އެއީ ފޮޓޯ، ވީޑިއޯ، ޓެކްސްޓްސް، ނެރޭޝަންސް އަދި ސޯޝަލް މީޑިއާގެ ޓޫލްސްތައް ބޭނުންކޮށްގެން މީހުން ޝައުގުވެރިވާނެ ގޮތަށް "ވާހަކަތައް" ކިޔައިދިނުމެވެ. ޓެކްނޮލޮޖީ، އޭގެ އެންމެ ފުރިހަމަ އަށް ބޭނުންކޮށްގެން ކުރެވޭ މަސައްކަތެކެވެ.
އައިލެންޑްގެ "ޝޯ އެކަޑެމީ" އިން، ފޮޓޯގްރެފީގެ ޑިޕްލޮމާ ހާސިލްކޮށްފައިވާ، ގއ. ގެމަނަފުއްޓަށް އުފަން އަކްޝަމްގެ މަސައްކަތަކީ ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ކިޔައިދިނުމެވެ. އަދި ސޮނެވާ ޕްރޮމޯޓްކުރުމެވެ.
1. ޕޮޓޯގްރެފީ އަށް އެންމެ ފުރަތަމަ ޝައުގުވެރިވީ ކިހިނެއްތަ؟ އަދި ޕްރޮފެޝަނަލް ފޮޓޯގްރެފާއެއްގެ ގޮތުން އެންމެ ފުރަތަމަ ކުރެވުނު ތަޖުރިބާއަކީ ކޮބާ؟
އަކްޝަމް: އެންމެ ފުރަތަމަ އަމިއްލަ އަށް ފޮޓޯއެއް ނެގިއިރު ވާނީ 13 އަހަރު. އޭރު ހަދިޔާއަކަށް ލިބުނު އައިފޯން ހަތަރަކުން ފުރަތަމަ ފޮޓޯއެއް ނެގީ. އޭރުން ފެށިގެން މި ކަމަށް ވަރަށް ބޮޑަށް އިންޓްރެސްޓް ވެއްޖެ. އެ އައިފޯނުގައި މިހާރުގެ ފޯނުތަކުގައި މި ހުންނަ ސަޅި ފީޗާތައް ނެތަސް، އެއީ އަސްލު މިކަން ދަސްކުރަން ލިބުނު ހިތްވަރެއް.
އެންމެ ފުރަތަމަ ޕްރޮފެޝަނަލް ޕޮޓޯގްރެފާއެއްގެ ގޮތުގައި ވޯކް ކުރީ ހުރަވަޅި ރިސޯޓްގައި. އެއީ 18 އަހަރުގައި. އަސްލު އެއީ ފޮޓޯގްރެފީގެ ތެރެ އަށް ބޮޑަށް ވަދެވި، މީގެ އަސްލު ޓެކްނީކްސްތައް ދަސްވާން ފެށި ހިސާބު. އެތަނުގައި ވޯކް ކުރަން ފެށިތާ ވީކްއެއް ތެރޭގައި ވަރަށް ގިނަ އެއްޗެހި ދަސްވި. ދެން އޭރު ވީގޮތަކީ، މިކަމަށް އާވެފައި، މިކަން ކުރަން އެހާ ޕެޝަނޭޓްވެފައި ހުރިވަރުން، ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަދެވި، އާ އެއްޗެހި ދަސްކޮށް، އާ ކަންކަން އެކްސްޕްލޯކުރަން ފެށުނީ.
އެންމެ ފުރަތަމަ ރިސޯޓްގައި ނެގި ފޮޓޯ މިހާރު މާ ބޮޑަކަށް ހަނދާނެއް ނެތް. އެކަމަކު ހަނދާންވާ ގޮތުން ނަމަ އެއީ ގެސްޓެއްގެ ފޮޓޯޝޫޓެއް.
2. މިހާރު އަކްޝަމް އަކީ ހަމައެކަނި ފޮޓޯގްރެފާއެއް ނޫން. ވީޑިއޯއެއް ވެސް ހަދައި އުޅޭ. ޑިޖިޓަލް ކްރިއޭޓާއަކަށް ވީގޮތް ކިޔައިދީބަލަ!
އަކްޝަމް: އަސްލު ވީގޮތަކީ ޓިކްޓޮކާއި އިންސްޓަގްރާމް ރީލްސް އިންޓްރޮޑިއުސްވި ހިސާބުން ކުދިކުދި ވީޑިއޯސް ހަދައިފައި އެއަށް އަޕްލޯޑްކުރަން ފެށީ. ވަރަށް އެ ކަހަލަ ކުރު ވީޑިއޯސް ހަދާ ހިތްވޭ އަބަދުވެސް. އެކަމަކު ޓިކްޓޮކާ ތަންތަނަށް ލާން ފެށި ހިސާބު ކަންނޭނގެ ގިނަ މީހުންނަށް އެނގުނީ އެކަން ކުރާކަން.
ބޮޑަށް އެއިސްތެޓިކް އެޑިޓްސް ހުންނާނީ ވީޑިއޯތަކުގައި. އަދި ބޮޑަށް ފޯކަސް ކުރަނީ ވެސް ސްޓޯރީޓެލިން އަށް.
ފޮޓޯގްރެފީ އަކީ އަބަދުވެސް ގްރޯވަމުން އަންނަ އެއްޗެއް. އެހެންވެ މޮޅު ނުވަތަ ރަނގަޅު ފޮޓޯގްރެފާއަކަށް ވުމަށް އަބަދުވެސް އެ އަންނަ އާ ޓްރެންޑްތައް އެކްސްޕްލޯކުރަން ޖެހޭ. އަދި އެ އަންނަ އާ ޓެކްނިކްސްތައް ވެސް އަބަދުވެސް ދަސްކުރަމުން ދިއުމަކީ ވަރަށް މުހިންމު ކަމެއް.
ޑިޖިޓަލް ސްޓޯރީޓެލާއެއްގެ ގޮތުގައި އަޅުގަނޑު ބޭނުންވަނީ މީހުން އިންސްޕަޔާކޮށް، ވާހަކަތައް ކިޔައިދީ އަދި ދުނިޔޭގެ އެކި ތަންތަން ދިއުން.
3. މިހާތަނަށް ކުރި އެންމެ ސަޅި މަސައްކަތްތަކަކީ ކޮބާ؟ އަދި ލިބުނު ކާމިޔާބީތަކަކީ ކޮބާ؟
އަކްޝަމް: އެންމެ ޕްރައުޑްވާ އެއް މަސައްކަތަކީ ސޮނެވާގެ އެހެން ޑިޖިޓަލް ސްޓޯރީޓެލާއެއް ކަމަށްވާ ޖައިލަމްއާ ކޮލަބްރޭޓް ކޮށްގެން ހެދި "ޗެޕްޓާ 2 އޯޕެނިން" ފޮޓޯތައް. އެއީ ސޮނެވާ ޖާނީގެ ލަގްޒަރީ ވޯޓާ ވިލާތައް ހުޅުވަންވެގެން، އެތަން ޕްރޮމޯޓްކުރަން ނެގި ފޮޓޯތަކެއް.
ސޮނެވާފުއްޓަށް ދިޔަ ކަޕުލްއެއްގެ ވެޑިން ފޮޓޯޝޫޓެއް ނެގިން މޫދު އަޑީގައި. އެވެސް ވަރަށް ތަފާތު އެކްސްޕީރިއެންސްއެއް.
ރަށުގެ [ގެމަނަފުށީގެ] ފަޅު ތެރޭގައި ހެދި ލޭންޑްމާކް އުނދޯލި، ދަ ހާޓް އޮފް ގެމަނަފުށި ބޭނުންކުރަން ފެށިއިރުގެ ފޮޓޯޝޫޓް ވެސް އެއީ ހާއްސަ މަސައްކަތެއް.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓެޑްއެކްސް އިވެންޓް، ސޮނެވާފުށީގައި ބޭއްވި "ޓެޑްއެކްސް ބާ އެޓޯލް"ގައި މަސައްކަތް ކުރަން ވެސް ފުރުސަތު ލިބުން.
ސޮނެވާފުށީގައި ފެށި ވެލްނެސް ސާވިސް "ސޮނެވާ ސޯލް" ހުޅުވިއިރު އަޅުގަނޑު ނެގި ފޮޓޯތަކެއް ފޯބްސް މެގަޒިންގައި ފީޗާކުރި. އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް.
ސޮނެވާގެ އިންސްޓަގްރާމްގައި އެއް މިލިއަން ފޮލޯވާސް ހަމަވުމުން ހިންގި ކެމްޕެއިން ވެސް އެއީ ވަރަށް ސަޅި އެކްސްޕީރިއެންސްއެއް. އަދި އަޅުގަނޑަކީ ޓިކްޓޮކްގައި ރާއްޖެއިން އެންމެ ފުރަތަމަ ވެރިފައިޑްވި އެންމެ ޔަންގެސްޓް ފޮޓޯގްރެފާ.
4. އަކްޝަމް ގަބޫލުކުރާ ގޮތުގައި ހަގު އުމުރެއްގައި މިހާރު ދެވިފައި ތި ހުރި ހިސާބަށް ދެވުނީ ކީއްވެ؟ ކާމިޔާބީގެ ސިއްރަކީ ކޮބާ؟
އަކްޝަމް: ވަރަށް ކުރު ޖަވާބެއް އޮތީ. އެއީ މި މަސައްކަތުގައި ވަރަށް ބޮޑަށް ކެތްކޮށްގެން އަދި މީގެ ތެރެއިން ދިމާވާ ކޮންމެ މީހެއްގެ ފަރާތުން ވެސް ކަންކަން ދަސްކުރުމާއި އަޅުގަނޑު އޯޑިއެންސް އެޕްރިޝިއޭޓްކުރުމާއި އަދި އެމީހުންގެ ފަރާތުން ލިބޭ ފާޑުކިޔުންތައް ބަލައިގަތުން.
5. ސޮނެވާގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީ ކިހިނެއްތަ؟ އަކްޝަމް ކުރާ މަސައްކަތުގެ ވާހަކަތައް އަހަރެމެންނަށް ކިޔައިދީބަލަ!
އަކްޝަމް: އެންމެ ފުރަތަމަ 2020 ގައި ޑިޖިޓަލް ސްޓޯރީޓެލިން އިންޓާންއެއްގެ ގޮތުގައި ސޮނެވާފުއްޓަށް ދިޔައީ. ދެން އިންޓާންޝީޕް ނިމިގެން، އެ މީހުންނަށް އަޅުގަނޑު މަސައްކަތް ކަމުގޮސްގެން ވަޒީފާ ޕާމިނެންޓްވީ. ދެން މިދިޔަ އަހަރު އޮކްޓޯބަރުގައި ސޮނެވާ ޖާނީ އަށް ބަދަލުވީ.
އަޅުގަނޑުގެ ޒިންމާތަކަކީ ސޮނެވާގެ މާކެޓިން އަށް ބޭނުންވާ ފޮޓޯ އާއި ވީޑިއޯ ނެގުން. ސޯޝަލް މީޑިއާ ކޮންޓެންޓްތައް ހެދުމާއި ރިސޯޓަށް އަންނަ ގެސްޓުންގެ ފޮޓޯޝޫޓްތައް ނެގުމާއި އަދިވެސް އެކަހަލަ ވަރަށް ބައިވަރު ކަންކަން. ބައެއް ފަހަރު މިކޮޅަށް އަންނަ ވިޒިޓިން ޕްރޮގްރެފާސްއާ އެކު ވެސް މަސައްކަތްކުރަން.
6. ކެރިއާގައި މިހާރު އެންމެ ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްތަ؟ ކޮބާތަ މި މަސައްކަތުގައި އަކްޝަމްގެ އަލްޓިމޭޓް ގޯލަކީ؟
އަކްޝަމް: އެހާ ލޯބިވާ މަސައްކަތެއްގައި އެންމެ ބޭނުންވާނީ ވީހާ ވެސް ބޮޑަކަށް ކާމިޔާބުވުން. ކޮންޓެންޓް ކްރިއޭޓްކުރުމަކީ އަސްލު އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ގެނެސްދޭ ކަމެއް. އަލްޓިމޭޓް ގޯލަކީ ކޮބައިހޭ އަހައި ނަމަ، އަބަދުވެސް ބުނާނީ އެކި ތަންތަނަށް ޓްރެވެލްކޮށް ފޮޓޯ ނެގުމޭ.
އަޅުގަނޑުގެ ދައްތަމެއް ބުނާނެ "ނަތިން އިޒް އިމްޕޮސިބަލް އިފް ވީ ތިންކް އައިމް ޕޮސިބަލް". އެއީ އަބަދުވެސް ގަބޫލުކުރާ އެއްޗެއް.
ދެން ތަންކޮޅެއް ކުރިން 2019 ގައި ރައްޓެއްސަކު ބުނި އެއްޗެއް އަދިވެސް ވަރަށް ހިތުގައި އޮވޭ. އެއީ ކޮންމެ ކަހަލަ ސަޅި، ތަފާތު ކަމެއް ކުރާށޭ، "ސޯ ވެންވީ ގެޓް އޯލްޑް ވީ ކޭން ބީ ޕްރައުޑް އެބައުޓް ދެޓް"އޭ. އެވެސް ކެރިއާގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް.
މި ވޯކްގައި ކުރިއަށް ދާން ރައްޓެހިންނާއި އާއިލާގެ ފަރާތުން އަބަދުވެސް ސަޕޯޓް ލިބޭ.
7. ފޮޓޯނަގަން ފެށިއިރު އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކޮން ބައެއް ފަރާތުންތަ؟ އަދި އެމީހުންގެ ފަރާތުން ދަސްވީ ކޮން ކަންކަމެއް؟
އަކްޝަމް: ފެމެލީ އާއި ކޮލިގްސް ހިމެނޭހެން ވަރަށް ބައިވަރު މީހުން ތިބޭނެ ކްރެޓިޑްސް ދޭން ޖެހޭނެ. އެންމެ ފުރަތަމަ ކްރެޑިޓް ދޭނެ އެކަކީ ހުރަވަޅި ރިސޯޓްގައި ވޯކްކުރި އިރުގައި، އެ ރިސޯޓްގެ ފޮޓޯގްރެފީ ސުޕަވައިޒާއަކަށް ހުރި ޝަހުދާން. ޝަހުދާންގެ ޓީމަށް އަޅުގަނޑު ނަގާއި، ފޮޓޯގްރެފީގެ ވަރަށް ގިނަ ޓެކްނިކަލް ކަންކަން ކިޔައިދިން. މިހާރު ވެސް ވަރަށް ގިނަ ކަންކަން ދަސްކުރަމުން އަންނައިރު، ގިނަވާނެ ހުރަވަޅިން ދަސްވި އެއްޗެހި.
ޑިސެމްބަރު 2020 ގައި ސޮނެވާފުށީގައި މަސައްކަތް ކުރަން ފެށިއިރު، އެތަނުގެ ޗީފް ޑިޖިޓަލް ސްޓޯރީޓެލާއަކަށް ހުރި ޖޫލިއާ ދަސްކޮށްދިނީ ޑްރޯން ދުއްވަން. އެއް މަސް ތެރޭގައި އޭގެ ހުރީ ބޭސިކްސްއެއް ދަސްކުރިން. ދެން މިހާރު ހަމަ އަމިއްލަ އަށް އެ ހުރިހާ ކަމެއް ވެސް ކުރަން އެނގޭ. ޑްރޯން ފޮޓޯގްރެފީ އާއި ވީޑިއޯގްރެފީ އަކީ މިހާރު ހަމަ އެންމެ އިންޓްރެސްޓް ހުންނަ އެއް ކަންތައް.
ދެން ސޮނެވާ ޖާނީ އަށް އައިފަހުން، ޖައިލަމްގެ ފަރާތުން ވީޑިއޯ ކަލާގްރޭޑިންގެ ވަރަށް ވަރަށް ގިނަ އެއްޗެހި ރަނގަޅަށް ދަސްވި. ޖައިލަމް އެއްޗެހި ދަސްކޮށްދިން ވަރު ނުވެސް އެނގޭ ބުނަން އަސްލު، އެހާ ގިނަ ކަންކަން އޭނާގެ ފަރާތުން ދަސްވި.
8. އެންމެ ބޮޑު އިންސްޕިރޭޝަން އަކީ ކޮބާ؟
އަކްޝަމް: އެންމެ ބޮޑު އިންސްޕިރޭޝަން އަކީ އަޅުގަނޑު ފޮލޯވާސް އާއި އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، ވަރަށް ލޯބިން މި މަސައްކަތް ކުރަމުން އަންނަ އެހެން ކްރިއޭޓާސް.