ވޮޝިންޓަން (އޮގަސްޓް 21) - މިއަދު ހިފާ އިރުކޭތަ ބަލަން އެމެރިކާގައި އެތައް މިލިއަން ބަޔަކު ތައްޔާރުވެއްޖެ އެވެ. މި ކޭތަ އެންމެ ރީއްޗަށް ފެންނާނީ ވެސް އެމެރިކާ އަށެވެ.

ހަނދު އިރަށް ހުރަސްވުމުން ހިފާ ފުރިހަމަ އިރުކޭތަ އެމެރިކާގެ ހުޅަނގުން އޮރެގަން އިން އިރުމަތިން ސައުތު ކެރޮލީނާއާ ހަމައަށް ފެންނާނެ އެވެ. މިއީ 1918 ގެ ފަހުން ހިފާ ޕެސިފިކް އާއި އެޓްލާންޓިކް އައްސޭރި ފަށް މުޅިން ހަނދިރިކޮށްލާ ފުރަތަމަ އިރުކޭތަ އެވެ. މި އިރުކޭތަ ޔޫކޭ އާއި އަޔަލޭންޑް އަދި ހުޅަނގު ޔޫރަޕުގެ ގައުމުތަކާ އެކު 49 ގައުމަކަށް ކޮންމެވެސް ވަރަކަށް ފެންނާނެ އެވެ.

އެމެރިކާގެ އޮރެގަންގައި އިރުކޭތަ ބަލަން ބަޔަކު ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ އޮރެގަންގައި އިރުކޭތަ ބަލަން ބަޔަކު ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ

ގިނަ ބަޔަކު ބުނާ ގޮތުގައި މިއަދު ހިފާ އިރުކޭތަ އަކީ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ ގިނަ ބަޔަކު ފޮޓޯ ނަގާ ކޭތަ އަށް ވާނެ އެވެ. މީގެ ކުރިން 2009 ވަނަ އަހަރު ހިފި އިރުކޭތަ ވަނީ އިންޑިއާ އާއި ޗައިނާ ހިމެނޭ އޭޝިއާ ސަރަހައްދުން ވަރަށް ގިނަ ބަޔަކު ބަލައިފަ އެވެ. އެކަމަކު އެ ފަހަރުގެ ކޭތަ އަށް ވުރެ މިއަދު ހިފާ އިރުކޭތަ ގިނަ ބަޔަކަށް ބެލުމުގެ ފުރުސަތު ލިބެނީ އެމެރިކާގެ ދަތުރު ފަތުރުކުރުމުގެ ނިޒާމުގެ ފަސޭހަ ކަމާ އެކު އެވެ. މިއަދު ހިފާ ކޭތައިގެ ހިޔަނި އެޅޭ ހިސާބުގައި 12 މިލިއަން މީހުން ދިރިއުޅެ އެވެ.

ކޭތަ ބަލަން އެމެރިކާގައި ތައްޔާރުވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކޭތަ ބެލުމުގެ އިންތިޒާމް ޕާކުތަކުގައި ހަމަޖައްސާ އަދި ޕާކިން ޖާގަ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ނޭޝަނަލް ޕާކް ސާވިސް އިން ވަނީ ޕޯޓެބަލް ފާހާނާތައް ވެސް ގާއިމްކޮށްފަ އެވެ. އެމެރިކާ އަށް ދެން އިރުކޭތައެއް ފެންނާނީ 2024 ވަނަ އަހަރު އެވެ.

އެމެރިކާގެ އޮރެގަންގައި އިރުކޭތަ ބަލަން ބަޔަކު ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ އޮރެގަންގައި އިރުކޭތަ ބަލަން ބަޔަކު ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ

ކޮންމެ ހަނދުކޭތައެއްގެ ދެ ހަފުތާ ކުރިން ނުވަތަ ދެ ހަފުތާ ފަހުން އިރު ކޭތައެއް ހިފާނެ އެވެ. އެ ގޮތުން މި މަހު 7 ވަނަ ދުވަހު ވަނީ ހަނދުކޭތައެއް ހިފައިފަ އެވެ. އެ ހަނދު ކޭތަ ވަނީ ރާއްޖެ އަށް ފެނިފަ އެވެ. ނަމަވެސް މިއަދުގެ އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެ އެވެ.