އުތުރު އެމެރިކާ ސަރަހައްދަށް ފުރިހަމަ އިރުކޭތައެއް އިއްޔެ ފެނުމުން ރާއްޖެއަށް ވެސް ކޮންމެވެސް ވަރަކަށް މި މަންޒަރު ފެނިދާނެ ކަމަށް ބައެއް މީހުން ހީކުރި އެވެ. މެކްސިކޯއިން ފެށިގެން ކެނެޑާއާ ހިސާބަށް އިއްޔެ އަކީ ހާއްސަ ދުވަހަކަށްވީ ކުރިއަށް އޮތް 20 އަހަރު ވެސް ދެން އެކަހަލަ ރީތި މަންޒަރެއް ނުފެންނާނެތީ އެވެ.

ރާއްޖެއަށް އެންމެ އަވަހަށް ވެސް އިރުކޭތައެއް ފެންނާނީ އޯގަސްޓް 2، 2027 ގަ އެވެ. އެކަމަކު އެއީ ފުރިހަމަ ކޭތައެއް ނޫނެވެ. މާލެއަށް އެ ކޭތަ ހިފަން ފަށާނީ މެންދުރު ފަހު 3:29 ގަ އެވެ. މި ކޭތަ ދެ ގަޑިއިރަށް ދިގު ދެމިގެންދާނެ އެވެ. މި ފަޅި ކޭތަ ވީއްލާނީ ހަވީރު 5:29 ގަ އެވެ. މި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 4:32 ގަ އެވެ.

ދެން ހިފާ އިރުކޭތައިގެ ތާރީހަކީ ޖުލައި 22، 2028 އެވެ. އެއީ ވަރަށް ކުޑަކޮށް ހިފާ ކޭތައެކެވެ. އެ ދުވަހު އިރު އެރުމުގެ ކުރިން ފަތިހު 5:38 ގައި ކޭތަ ހިފަން ފަށާނެތީ އިރު އަރާއިރު ވެސް ހުންނާނީ ކޭތަ ހިފައިފަ އެވެ. އެ ދުވަހު 6:02 ގައި އުދަރެހުން އިރު ފެނިލާއިރު ކަނާތްފަރާތުން ކުޑަ ތަންކޮޅެއް ކޭތައާ ހެދި ފެންނާނީ އަނދިރިވެފައި ވަނިކޮށެވެ.

މި ކޭތަ އެންމެ ބޮޑަށް ފެންނާނީ 6:19 ގަ އެވެ. މި ކޭތައިގެ ދިގުމިނަކީ 1 ގަޑިއިރާއި ތިން މިނެޓެވެ. ކޭތަ ވީއްލާނީ 7:05 ގަ އެވެ.

ފުރިހަމަ ކޭތަ 2053 ގައި

ރާއްޖެއަށް ދެން ފުރިހަމަ އިރުކޭތައެއް ދެން ފެންނާނީ ސެޕްޓެމްބަރު 12، 2053 ގަ އެވެ.

މި ކޭތަ ފުރިހަމައަށް މާލެއަކަށް ނުފެންނާނެ އެވެ. މާލެއަށް އެންމެ ބޮޑަށް މި ކޭތަ ހިފާ ގަޑީގައި އިރުން ފޮރުވޭނީ 96 ޕަސެންޓެވެ. އެކަމަކު އެހެން ބައެއް ހިސާބުތަކަށް 99 ޕަސެންޓަށްވުރެ ބޮޑަށް އިރު ފޮރުވޭނެ އެވެ.

ރާއްޖެއަށް 2053 ވަނަ އަހަރު ފެންނަ ފުރިހަމަ އިރުކޭތަ ފެންނާނެ ސަރަހައްދުތައް ދައްކައިދޭ ޗާޓެއް. -- ނާސާ
ރާއްޖެއަށް 2053 ވަނަ އަހަރު ފެންނަ ފުރިހަމަ އިރުކޭތަ ފެންނާނެ ސަރަހައްދުތައް ދައްކައިދޭ ޗާޓެއް. -- ނާސާ

ކޭތަ ހިނގާ މަގަށް ބަލާއިރު ނ. އަތޮޅަށް އަދި ހާއްސަކޮށް އެ އަތޮޅު ވެލިދޫއަށް މި ކޭތައް ފުރިހަމަޔަށް ފެންނާނެ އެވެ. މި ކޭތަ ރާއްޖެއަށް ފެންނަން ފަށާނީ މެންދުރު ކުރިން 11:51 ގަ އެވެ. މި ކޭތަ ނިމޭނީ މެންދުރު ފަހު 17:13 ގަ އެވެ. ކޭތަ ފުރިހަމައަށް ފެންނާނީ މެންދުރު ފަހު 3:57 ގަ އެވެ.

ނ.ވެލިދޫއަށް 2053 ވަނަ އަހަރު ފެންނަ ފުރިހަމަ އިރުކޭތައިގެ މައުލޫމާތު
ނ.ވެލިދޫއަށް 2053 ވަނަ އަހަރު ފެންނަ ފުރިހަމަ އިރުކޭތައިގެ މައުލޫމާތު

އެކަމަކު ފުރިހަމަ ކޭތަ ހިފާފައި ހުންނާނީ 1 މިނެޓާއި 49 ސިކުންތަށެވެ.

މި ކޭތަ ރާއްޖޭގެ އިތުރުން އަލްޖީރިއާ، މިސްރު، ޖިބްރޯލްޓާ، އިންޑޮނީޝިއާ، ލީބިއާ، މޮރޮކޯ، ސައޫދީ އަރަބިއްޔާ، ސްޕެއިން، ޓިއުނީޝިއާ އަދި ޔަމަނަށް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ އެވެ.

ރާއްޖެ އަށް އެންމެ ފަހުން އިރުކޭތައެއް ފެނުނީ ޖެނުއަރީ 15، 2010 ގެ މެންދުރު އެވެ. އެއީ ހުކުރު ދުވަހެއްގެ ހުކުރު ވަގުތެވެ. އެއީ ރިންގް އޮފް ފަޔާ ނުވަތަ އަނގޮޓި ކޭތައެކެވެ. އިރުކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ އިރު ފައްތަރުވީމަ އެވެ.