ހެލްސިންކީ (މާޗް 9) - ސޯޝަލް ވެލްފެއާ އަދި ހެލްތުކެއާ ރިފޯމްކުރުމުގައި ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިއަށް ނުދެވުމުން ފިންލެންޑުގެ މުޅި ސަރުކާރު އެކުގައި އިސްތިއުފާ ދީފި އެވެ.

ބޮޑު ވަޒީރު ޖުހާ ސިޕިލާ ވިދާޅުވީ އޭނާ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފި ކަމަށެވެ.

ފިންލެންޑުގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން މާލީ ގޮތުން ކުރަން ޖެހޭ ހޭދަ ބޮޑުވެ ވެލްފެއާ ނިޒާމުގެ އިސްލާހަށް އޮތީ ބޭނުންވެފަ އެވެެ. ނަމަވެސް އެ އިސްލާހުތައް ނުގެނެވި ވަނީ ސިޔާސީ ގޮތުން ދެބަސްވުންތައް ބޮޑުވުމުންނެވެ.

ސަރުކާރު އިސްތިއުފާ ދިން ނަމަވެސް އާ އިންތިޚާބެއް ބާއްވަންދެން ވަގުތީ ސަރުކާރެއްގެ ގޮތުގައި ސިޕިލާގެ ސަރުކާރު މަސައްކަތް ކުރާނެ އެވެ.

އިންތިޚާބު ގާތްވެފައި ވަނިކޮށް ސިޕިލާގެ ސެންޓަ ޕާޓީގެ ސަރުކާރު އިސްތިއުފާ ދިން ސަބަބާ މެދު ވެސް ސިޔާސީ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އައިޓީ ވިޔަފާރިވެރިއެއް ކަމަށްވާ ސިޕިލާ ކުރިން ވެސް ވަނީ އޭނާގެ ހެލްތުކެއާ ރިފޯމް ސިޔާސަތު ފެއިލްވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފިންލެންޑުގައި 65 އަހަރުން މަތީގެ އާބާދީ އަކީ 21.4 ޕަސެންޓެވެ. މިއީ ޔޫރަޕުގެ ހަތަރު ވަނަ އަށް އެންމެ މަތީ ނިސްބަތެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުން އެ މީހުންގެ ޕެންޝަނާއި ހެލްތުކެއާ ބެނެފިޓްގެ ގޮތުގައި ހޭދަކުރަން ޖެހޭ އަދަދު ދަނީ އިތުރުވަމުންނެވެ.

ފިންލެންޑުގައި ވަޒީފާ ނެތް ބައެއް މީހުންނަށް ޖެނުއަރީ 2017 އިން ޑިސެމްބަރު 2018 އަށް ކޮންމެ މަހަކު ވެސް 685 ޑޮލަރު (560 ޔޫރޯ) ގެ އެލަވަންސެއް ދިނެވެ. ދެ އަހަރު ތެރޭ ފިންލެންޑުން ވަނީ 20 މިލިއަން ޔޫރޯ އެކަމަށް ހޭދަކޮށްފަ އެވެ. ނަމަވެސް މި ޕައިލެޓް ޕްރޮޖެކްޓް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.