އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުކުރެވުނަސް ރައީސް އަބްދުﷲ ޔާމީން ކުރު މުއްދަތެއްގެ ތެރޭގައި ފައްޓަވައި ދެއްވި ގިނަ މަޝްރޫއުތަކާ އެކު ރާއްޖެ ސިންގަޕޫރަށް ބަދަލުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކާ އެކު ރާއްޖެ ސިންގަޕޫރަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވީ ރައީސް ޔާމީނެވެ. ހޯމް މިނިސްޓަރުގެ ވާހަކަ އަމާޒުކުރެއްވީ ޔާމީންގެ އެ ވައުދުގެ މައްޗަށެވެ.

ސޯޝަލް ކައުންސިލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް އެކި ސަރަހައްދުތަކުގައި ފަށާފައިވާ ކަމަށެވެ. މިއީ އެއްވެސް ސަރުކާރެއްގައި ފެނުނު މަންޒަރަކަށް ނުވާތީ، އިދިކޮޅު ފަރާތްތަކުން މިކަން ގަބޫލުކުރަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އުއްމީދުތަކަށް މިއަށް ވުރެ ވަރުގަދަ އަށް ޖަވާބުދާރީ ވެވުނު ސަރުކާރެއް ނާދޭ. ރާއްޖެ މިދަނީ ވަރަށް ވަރުގަދަ ދިމާލަކަށް. ސިންގަޕޫރު ފަދަ ގައުމަކަށް ރައީސުލް ޖުމްހޫރިއްޔާ ހައްދަވައިދެއްވާނެ، ބަޔަކަށް ހަޖަމް ނުވިއަސް އެކަން މިދަނީ ވަމުން،" އަޒްލީން ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަނީ 2018 ގައި ރައީސް ޔާމީނާ ވާދަކޮށްގެން އިދިކޮޅު އެއްވެސް ލީޑަރަކަށް ކާމިޔާބު ނުލިބޭނެ ކަން އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަން ގަބޫލުނުކުރެވޭ ބަޔަކު، ރާއްޖެ ބަދުނާމުކޮށް، ފިތުނަފަސާދަ އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރިއަސް، އޭނާ ވިދާޅުވީ، އެ ފުރުސަތެއް ނެތް ކަމަށެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު ވަނީ ގާނޫނާ ހިލާފަށް އިދިކޮޅު ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވައި ރާއްޖެ ބަދުނާމުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. މި އިންޒާރު ދެއްވީ އަލްޖަޒީރާ ޑޮކިއުމެންޓްރީގައި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ސަރުކާރުގެ އިސް ވެރިން ވިދާޅުވެފައި ވަނިކޮށެވެ.