އުރީދޫން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓަރެއް މިއަދު ތައާރަފުކޮށްފި އެވެ.
މި ލެންސާއި ފިލްޓަރު ތައާރަފުކުރީ އުރީދޫގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފުލާގައި ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ހާލިދާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕްސް މެނޭޖަރު ބާޗިރު ބޫމެދައިން ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ، ރާއްޖެ އަންނަ ގިނަ މީހުން ރާއްޖެ އާދެވުނުކަން އެ މީހުންގެ އާއިލާ އާއި ރަހްމަތްތެރިންނާ ހިއްސާކުރަން އެކި މެސެޖުތައް ބަދަލުކުރާ ކަމަށާއި އަލަށް ތައާރަފުކުރި ފިލްޓަރު އެ ކަމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އުރީދޫން ސްނެޕްޗެޓާ ގުޅިގެން މިއަދު ތައާރަފުކުރީ ރާއްޖޭގެ ރީތި މަންޒަރު [ނޫކުލައިގެ އުޑާއި ވިލުނޫ ކުލައިގެ މޫދާއި ރުކުގެ ފަން) ދައްކައިދޭ ފިލްޓަރެކެވެ. އެ ފިލްޓަރުން ރާއްޖޭގެ ޓޫރިޒަމާ ބެހޭ ސްލޯގަން ''ސަނީ ސައިޑް އޮފް ލައިފް'' ފެނެ އެވެ. ދިވެހި ސަގާފީ ހެދުން ދައްކުވައިދޭ ލެންސެއް ތައާރަފުކުރިއިރު، އެ ލެންސުގައި ދެ ޖިންސްގެ ހެދުން ވެސް ހިމެނެ އެވެ.
މި ފިލްޓަރާއި ލެންސާއެކު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްނެޕްޗެޓް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އޮފާތަކެއް ވެސް ތައާރަފުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ދުވަހަށާއި ހަފުތާއަކަށާއި މަސް ދުވަހަށް ހާއްސަ ކޮށްފައިވާ އޮފާތަކެވެ. އެއީ ދުވާލަކަށް (ދެ ޖީބީ/އަގު: 10ރ.) އާއި ހަފުތާއަކަށް (10 ޖީބީ/އަގު: 50ރ.) އާއި މަހަކަށް (20 ޖީބީ/އަގު: 100ރ.) އެވެ.