ވިހަގަދަ ކަނޑު ހަރުފައެއް ހދ. މަކުނުދޫ ކައިރިން އިއްޔެ ފެނިއްޖެ އެވެ.

ހަރުފަ ފެނުނު އަހުމަދު ތަހުސީމް، 31، ބުނީ އޭތި ފެނުނީ މަކުނުދޫ ވިލު ތެރެއިން ކަމަށެވެ. ފޮޓޯ އާއި ވީޑިއޯ އިން ފެންނަ ގޮތުގައި އެއީ އާއްމުުކޮށް އިންޑިއާ އަދި ޕެސިފިކް ކަނޑުން ފެންނަ "ޔެލޯ ބެލީޑް ސީ ސްނޭކް" އެކެވެ.

ޔެލޯ ބެލީޑް ސީ ސްނޭކަކީ ބުރަކަށި މަތި ކަޅުކޮށް، ބަނޑުދޮށް ރީނދޫކޮށް އޮންނަ ހަރުފަ އެކެވެ. ނަގުލުގައި ހުންނަނީ ކަޅު ލައްތަކެއް ޖަހައިފަ އެވެ.

މަކުނުދޫއިން ފެނުނު ވިހަގަދަ ކަނޑު ހަރުފަ ޓޭންކް އަކަށް ލާފައި -- ފޮޓޯ: އަހުމަދު ތަހުސީމު
މަކުނުދޫއިން ފެނުނު ވިހަގަދަ ކަނޑު ހަރުފަ ޓޭންކް އަކަށް ލާފައި -- ފޮޓޯ: އަހުމަދު ތަހުސީމު

ތަހުސީމު ބުނީ މަހަށް ގޮސް އުޅެނިކޮށް، ހަރުފަ ފެނުމުން ދާގަނޑެއް އަޅައިގެން އެ ހިފީ ކަމަށެވެ. އޭތި ހިފައި ފުޅިއަކަށް ލައިގެން ރަށަށް ގެންގޮސް މިހާރު އޮންނާނީ ޓޭންކަކަށް ލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ތަހުސީމު ބުނީ މިއީ މަދުން ނަމަވެސް ރާއްޖޭން ފެންނަ ހަރުފައެއް ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ.

"އަނެެއްހެން ގެންގުޅޭކަށް ނޫން މިއުޅެނީ. މީހުން ބަލައިލަން ބޭނުންވާނެތީ ޓޭންކަކަށް ލާފައި އިންނާނީ،" ތަހުސީމު ބުންޏެވެ.

ތަހުސީމު ބުނީ އޭނާ އެ ހަރުފަ ފުލުހުންނާ ހަވާލުކުރާނެ ކަމަށެވެ.

ހަރުފައާ ބެހޭ މައުލޫމާތު ހުންނަ ބައެއް ވެބްސައިޓްތަކުގައި ލިޔެފައިވާ ގޮތުން މީގެ ހަރުފައިގެ ހުންނަނީ ކުޑަ ވިހަކޮޅެކެވެ. އެކަމަކު އޭގެ ވިހަ ގަދަ އެވެ. އަދި ވިހަ ލައިފި ނަމަ އަވަހަށް ފަރުވާ ހޯދަންޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ވެސް ނުރައްކާ ވެދާނެ އެވެ.