ކޮޗިން (އޮގަސްޓް 26) - އިންޑިއާގެ ދެކުނުގެ ކެރަލާ އަށް ވިއްސާރަ ކުރުމުން އެ ސްޓޭޓުގައި ބޮޑުވި ފެންގަނޑު ހިނދެން ފެށުމާ އެކު މީހުން ވަނީ އަނބުރާ ގެތަކަށް ބަދަލުވާން ފަށައިފަ އެވެ. އެކަމަކު މާބޮޑު ބިރުވެރިކަމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ގެތަކުން ފެންހިނދެމުންދާ އިރު ގިނަ އަދަދެއްގެ ހަރުފަ ދަނީ ފެންނަމުންނެވެ. ކަބަޑުތަކާއ ކާޕެޓް ދަށާއި ދޮންނަ މެޝިންތަކުގެ ދަށުން ހަރުފަ ފެންނާތީ ކެރަލާގެ އެކި ހިސާބުތަކަށް މިހާރު ވަނީ ހަރުފަ ހިފާ ޓީމުތައް ފޮނުވައިފަ އެވެ. އެންމެ ބޮޑަށް ފެންބޮޑުވި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގައި ވަނީ، ހަރުފަ ވިހަލުމުން ފަރުވާ ދޭނެ އިންތިޒާމްތައް ހަމަޖައްސައިފަ އެވެ. ކެރަލާގެ މެދުތެރެ އާއި އުތުރުގެ ހޮސްޕިޓަލްތަކަށް މިހާރު ވެސް ވަނީ ހަރުފަ ދަތް އަޅައިގެން ގިނަ ބަޔަކު ފަރުވާ ހޯދަން ދާން ފަށައިފަ އެވެ.
ހަރުފަ ގެންގުޅޭ މީހެއް ކަމަށްވާ ވާވާ ސުރޭޝް ހިންދުސްތާން ޓައިމްސް އަށް ބުނެފައި ވަނީ އެރްނާކްލަމްގެ އެއް އަވަށުން ވެސް ފަސް ހަރުފަ އޭނާ ހިފާފައިވާ ކަމަށެވެ.
ކެރަލާގެ ފެންބޮޑުވުމުގައި ވަނީ 400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.