ޗައިނާގެ ޝޯމީ ކުންފުނީގެ ބަޖެޓް ބްރޭންޑް، ރެޑްމީން ފުރަތަމަ ފަހަރަށް ސްމާޓް ގަޑި ނެރެން ތައްޔާރުވެއްޖެ އެވެ.

މި ގަޑީ އެންމެ ފުރަތަމަ ނެރެން ނިންމާފައި ވަނީ ޗައިނާގެ މާކެޓަށެވެ. އެއީ އަންނަ މަހުގެ 1 ގަ އެވެ. އަގަކީ 299 ޔުއާން (45 ޑޮލަރު / 693ރ.) އެވެ.

ރެޑްމީގެ ސްމާޓް ގަޑި އަކީ 1.4 އިންޗީގެ ޑިސްޕްލޭ ހިމެނޭ ޑިވައިސްއެކެވެ. ޑިސްޕްލޭނެ ކަނާތްފަރާތުގައި ބަޓަނެއް އިންނާނެ އެވެ. މީގެ ޓަޗްސްކްރީނާއި މައި ފިޓް އެޕުން ސްމާޓްފޯނާ ގުޅާލައިގެން ބޭނުންކުރެވޭނެ އެވެ.

މީގެ ކަމަރު ހަތަރު ކުލައަކުން ލިބޭނެ އެވެ. އެއީ ކަޅާއި ހުދާއި ނުލާއި ފެއްސާއި ފިޔާތޮށި ކުލަ އެވެ. ޑިސްޕްލޭގެ ބޮޑީގެ ކުލަތަކުގެ ތެރޭގައި ކަޅާއި ހުދާއި ނުލުގެ ތަފާތު ޝޭޑްތައް ހިމެނެ އެވެ.

ޝޯމީގެ ސްމާޓް ގަޑީގެ ސްޕެސިފިކޭޝަންތަކަށް ބަލާ އިރު ނިއާ-ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ)، ބުލޫޓޫތު 5.0، ހާޓް ރޭޓް މޮނީޓަރު އަދި 50 މީޓަރު ފުނަށް ވޯޓަޕްރޫޕްވާނެ އެވެ. މީގެ ބެޓަރީގެ ހާލަތަށް ބަލާއިރު ފުލްކޮށް ޗާޖްކޮށްލައިގެން ހަފުތާއަކަށް ބޭނުންކުރެވޭނެ އެވެ. އަދި ޕަވަ-ސޭވިން މޯޑްގައި ނަމަ 12 ދުވަހަށް ބެޓެރި ހިފަހައްޓާނެ އެވެ.

އަންނަ މަހުގެ 1 ގައި ރެޑްމީގެ ސްމާޓް ގަޑި ޗައިނާގައި ނެރުނަސް އިންޓަނާޝަނަލް މާކެޓަށް އަންނާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.