ނިދަން އުނދަގޫވާ ބައިވަރު ސަބަބުތައް ހުންނައިރު މީގެ ކުރިން ލަފާވެސް ނުކުރެވޭ ކަމެއް ސައިންސްވެރިންނަށް މިހާރު ވަނީ ދެނެގަނެވިފަ އެވެ. އެއީ ގޭގައި ދިއްލާ އެލްއީޑީ ލައިޓެވެ.

އިންސާނުންގެ ލޮލަށް އިރުގެ އަލިކަން ފެންނަނީ ހުދު ކުލައިން ނަމަވެސް، އަސްލު ހަގީގަތުގައި އޭގައި ބައިވަރު ކުލަތައް ހުރެ އެވެ. ދުވާލުގެ އަލިކަމުގައި އިރުގެ އަލިކަން ފެންނަނީ ނޫކުލައިންނެވެ. މި އަލިކަމުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ ހޯމޯނަށް ބަދަލުތަކެއް އާދެ އެވެ. އަދި އޭގައި އެކުލެވިގެންވާ ކެމިކަލަކުން މީހާ ހުޅުވާލަ އެވެ. އަދި އިރުގެ އަލިކަން ފަނޑުވަމުން ދާވަރަކަށް، މެންދުރު ގަޑީގައި ފެންނަ ނޫކުލައިގެ އަސަރު ފަނޑުވެ، ރޭގަނޑުގެ ނިދުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

މިޒަމާނުގައި ވިއްކަން ހުންނަ އެލްއީޑީ ލައިޓު އެންމެން ވެސް ގަންނަނީ އެނާޖީ ސޭވް ވެފައި، ގިނަ ދުވަހު ބޭނުން ކުރެވޭތީ އެވެ. ނަމަވެސް މި ބޮކިން ސިއްހަތަށް ލިބޭ ގެއްލުންތައް އެބަހުއްޓެވެ. އެންމެ ފަހުގެ ދިރާސާތަކުން ބުނަނީ ބޮކީގެ އަލިން ލޮލުގެ ފެނުމުގެ މައްސަލަތައް ދިމާވެ، ނިދަން އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.

ވައިލެޓް ބޮކި

ލޮލަށް ފަސޭހަ، ނިދަން އުނދަގޫ ނުވާ ޒާތެއްގެ ބޮތްކެއް މިހާރު އުފައްދާފައިވާ ކަމަށް ހޯސްޓަން ޔުނިވާސިޓީން ބުނެފައިވެ އެވެ.

އެ މީހުން ވަނީ ސިއްހަތާ ރައްޓެހި އެލްއީޑީ ބޮތްކެއް އުފައްދާފަ އެވެ. އެ މީހުން ވަނީ، ނިދަން އުނދަގޫކުރާ ނޫ އަލި ފަނޑުކޮށްދޭ ޗިޕެއް ބޮކީގައި ހިމަނައިފަ އެވެ. އެއިން ވައިލެޓު ރޭންޖު ދަށްކޮށްލަ އެވެ. އަދި ހަވީރުގެ މަޑު އަލިފަދަ އައްޔަކަށް އެ ބޮކީގެ އަލި ބަދަލުކޮށްލަ އެވެ. އަދި މި ބޮކިން ނިދި އަންނަކަން އަހަރެމެންގެ ސިކުނޑިއަށް އަންގައިދެ އެވެ.

އެލްއީޑީ ވައިލެޓް ބޮކީގައި ނޫ އަލިކަމެއް ހުރި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް އެ ބޮކި އުފެއްދި މީހުން ބުނެފައިވެ އެވެ. އަދި ނިދަން ކުރިމަތިިވާ އުނދަގޫތަކަށް ހާއްސަ އެހީއަކަށް އެލްއީޑީ ވައިލެޓް ބޮކި ވާނެ ކަމަށް ބުންޏެވެ. -ވެބްއެމްޑީ-