މަންޓާ އެއާ އިން "ޖަމްޕް އިން މޯލްޑިވްސް" ގެ ނަމުގައި ސްކައި ޑައިވިން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން މި ޕްރޮގްރާމް ހިންގަނީ ސްކައި ޑައިވް މޯލްޑިވްސް އައިލެންޑާއި ބޭރުގެ ސްކައިޑައިވް ގަތަރާއި އިއޯލޯ ޓްރެވަލްސް އާ ގުޅިގެންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ބޭނުންކުރާ އެއާކްރާޕްޓް ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ސެސްނާ 208 ނަކަމަށް ކިޔާ އެއާކްރާޕްޓެކެވެ.
މި ބޯޓު ދ. ކުޑަހުވަދޫ އެއާޕޯޓަށް ޖައްސާފައިވާ އިރު މި ހަރަކާތުގެ ތެރެއިން ސްކައި ޑައިވް ކުރަން ލޯބިކުރާ މީހުންނާއި ތަފާތު ކަމެއް ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުންނަށް ފުރުސަތު ތަކެއް ލިބޭނެ ކަމަށް މަންޓާ އިން ބުނެ އެވެ.
މިކަން ކުރުމަށްޓަކައި ފުރަތަމަ ޑްރޮޕް ޒޯނަކީ ދ. އަތޮޅެވެ. ކުރިއަށް އޮތްތަނުގައި އިތުރު ޑްރޮޕް ޒޯނުތައް ކަނޑައަޅާނެ އެވެ.
މިހަރަކާތުގައި ޕްރޮފެޝަނަލް ސްކައި ޑައިވަރުންނާއި ޓޫރިސްޓުންނަށް ވެސް ފުރުސަތު ލިބޭނެ އެވެ. އަދި ދިވެހިންނަށް ވެސް ބައިވެރިވެވޭނެ އެވެ. އިތުރު މައުލޫމަތު ކުރިއަށް އޮތް މަސްތަކުގައި ހާމަ ކުރާނެ ކަމަށް މަންޓާ އެއާ އިން ބުންޏެވެ.