އަންނަ މަހު ބާއްވާ ސްކައި ޑައިވް މޯލްޑިވްސް ހަރަކާތުގައި ދެ މީހަކަށް ހިލޭ ސްކައި ޑައިވް ކުރުމުގެ ފުރުސަތު ދިނުމަށް މަންޓާ އެއާ އިން ނިންމައިފި އެވެ.
ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން މަންޓާ އިން ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުން ސްކައި ޑައިވް މޯލްޑިވްސް ޕޭޖާއި މަންޓާ އެއާ ޕޭޖަށް ލައިކް ކުރުމަށް ފަހު ސްކައި ޑައިވް ކުރަން ގެންދާން ބޭނުންވާ ރައްޓެއްސަކު ޓެގް ކުރަން ޖެހޭނެ އެވެ.
މަންޓާއިން މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ނަސީބުވެރިއާ މި މަހުގެ 31 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.
އަންނަ މަހުގެ 1-24 އަށް ސްކައިޑައިވިން ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ގއ. ކޫއްޑޫގަ އެވެ. މި ހަރަކާތުގައި 20 ގައުމަކުން 300 ލައިސެންސް ސްކައިޑައިވަރުން ބައިވެރިވާނެ އެވެ. އަދި ޖުމްލަ 500 އަށް ވުރެ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް މަންޓާ އިން ބުންޏެވެ.
މި ހަރަކާތުގެ އޮފިޝަލް ޓްރެވަލް ޕާޓްނަރަކީ މަންޓާ އެއާ އެވެ.
"ޓެންޑެމް ސްކައިޑިވިން" އަކީ ފުރަތަމަ ފަހަރަށް ސްކައި ޑައިވް ކުރާ މީހުންނަށް ހާއްސަ ކުޅިވަރެކެވެ. މި ކުޅިވަރުގައި ސްކައި ޑައިވް ކުރާނީ ތަޖްރިބާކާރު އިންސްޓްރަކްޓަރަކާ އެކުގަ އެވެ.