އދ. މާމިގިލީގައި ސްކައި ޑައިވް ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.

ކައުންސިލްގެ ރައީސް އިމާދު ފާރޫގް މިއަދު ވިދާޅުވީ، މި ހަރަކާތް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 6 އަށް އަންނަ ބުރާސްފައްޗާ ހަމައަށް ކަމަށެވެ.

މިސްރުގެ ފަޔާ ޕެރަޝޫޓާއި މޯލްޑިވްސް ސްކައިޑައިވް އެސޯސިއޭޝަން ގުޅިގެން "މޯލްޑިވްސް ބޫގީ" ގެ ނަމުގައި ބާއްވާ މި އިވެންޓުގައި މާމިގިލީގެ އިތުރުން ސަން އައިލެންޑާއި ކައިރީގެ ބައެއް ރިސޯޓުތަކަށް ވެސް ސްކައި ޑައިވަރުން ފައިބާނެ އެވެ. ސްކައި ޑައިވަރުން ފުންމާލަނީ ވިލާ އެއާގެ މަތިންދާ ބޯޓަކުންނެވެ.

މި ހަރަކާތުގައި 140 ޕްރޮފެޝަނަލް ސްކައި ޑައިވަރުން 12 ފޫޓު މަތިން ފުންމައިލާނެ އެވެ. މާމިގިލީގެ ބައެއް އޮފީސްތަކަށް ސްކައި ޑައިވް ކުރުމުގެ ފުރުސަތު އޮތް އިރު ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް 400 ޑޮލަރު ހޭދަކޮށްގެން މިކަން ތަޖުރިބާ ކުރެވޭނެ އެވެ.

މާމިގިލީ ބީޗަށް ސްކައި ޑައިވަރުން ފައިބަނީ--ފޮޓޯ:ކައުންސިލް
މާމިގިލީ ބީޗަށް ސްކައި ޑައިވަރުން ފައިބަނީ--ފޮޓޯ:ކައުންސިލް

އިމާދު ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާމިގިއްޔަށް މީހުން ގޮސްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 15 އިން ފެށިގެން މާމިގިލީގެ ބީޗް ސަރަހައްދަށް ސްކައި ޑައިވަރުން ފައިބަން ވަނީ ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާމިގިލީގައި ސްކައި ޑައިވް ފެށިއިރު، މާކިއުއާ ރިސޯޓުގައި ވެސް 2020 ގައި އެފަދަ ހަރަކާތެއް އޮތެވެ.