އެޕަލް އިން ސިރީ ޓީމަށް ބަދަލުތަކެއް ގެންނަނީ އެވެ. އަތުޖެހުނު ދިމާއަކުން ތަޖުރިބާކާރުން ގެނެސް، "އާޓިފިޝަލް އިންޓެލިޖެންސް" މާކެޓްގައި އެންމެ ބާރުގަދަ "ޑިޖިޓަލް އެސިސްޓޭންޓް" އަށް ސިރީ ހެދުމަށް، އެޕަލް ދަނީ މަސައްކަތްކުރަމުންނެވެ.
ޑިޖިޓަލް އެސިސްޓެންޓެއް ގޮތުގައި އެޕަލް އިން ސިރީ ތައާފުރުކުރީ އެއީ ކޮން އެއްޗެއްކަން ދަންނަ މީހުން ގިނަ ދުވަސްވަރެއްގަ އެވެ. ނަމަވެސް، ސިރީ ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވި، އުފެއްދުމަކަށެވެ.
އައިފޯން 4އެސް ގައި ސިރީ ގާއިމުކޮށް މާކެޓަށް ނެރުމުން، އެ ކަހަލަ އުފެއްދުމަކަށް މާ ބޮޑު ބޭނުމެއް ނުޖެހޭ މީހުން ވެސް ސިރީ ރުޅިއެރުވުމުގައި ފޫހިފިލުވި އެވެ. އެކަމަކު ވެސް، އެ މީހަކު ކުރި ސުވާލަކަށް ޖަވާބުދިނުމުގައި ވަރުބަލިކަމެއް ސިރީ އިހުސާސްނުކުރެ އެވެ.
އެޕަލް އިން ސިރީ "ދިރޭ" އެއްޗަކަށް ހެދުމަށް ކުރި މަސައްކަތްތަކަށް ފާރަލައިގެން ތިބި ވާދަވެރިން، ގޫގުލް އަދި އެމެޒޯން، އެޕަލް ހޯދަފާނެ މޮޅަކަށް ފާރަވެރިވެ ތެޅިގަތެވެ. އެ މަސައްކަތުގައި ގޫގުލުން، "ގޫގުލް އެސިސްޓެންޓް" އަދި އެމެޒޯން އިން "އެލެކްސާ" ބާރުވެރިކުރުވައި "ވާޗުއަލް" ދުނިޔެ އަށް، ފޮނުވާލި އެވެ. ބޭނުމަކީ ސިރީއާ ވާދަކުރުމެވެ.
އިލެކްޓްރޯނިކް މާކެޓްގައި ޑިޖިޓަލް އެސިސްޓެންޓްތައް ގިނަވެ ވަނީ ބޮޑުގުަޅަ އަށް ވެފަ އެވެ. އޭގެ ތެރެއިން ވެސް ހުނިޖަހާލައި ކުޅަދާނަކަމަށް ފާހަގަކުރެވެނީ ގޫގުލް އެސިސްޓެންޓް އަދި އެލެކްސާ އެވެ.
ސިރީ އުފައްދައި ދިން ބާރުތައް ޒަމާންތަކަށް ފަތުރާލަން އެޕަލް ބޭނުންނުވުމުން، ސިރީ އަކީ މިހާރު އަޖައިބުކުރުވަނި ބާރަކަށް ނުވެ އެވެ. އެހެން ނަމަވެސް، ސިރީ ޓީމަށް އެޕަލް އިން ގެންނަ ބަދަލުތަކާ އެކު ވާދަވެރިން އަނެއްކާ ވެސް ބިރުން ތެޅިގަންނާނެ ކަމަށް ބުނެވެ އެވެ.
ސީރީ ޓީމް ވަރުގަދަކުރުމަށް އެޕަލް އިން ކުރާ މަސައްކަތްތަކުގައި، ގޫގުލް ގައި ކުރިން މަސައްކަތްކުރި ސޮފްޓްވެއާ އިންޖިނޭރުން އެޕަލް އަށް ގެންނާނެ އެވެ. އެމެޒޯން އެލެކްސާ ޓީމްގައި މަަސައްކަތްކުރި އިންޖިނޭރުން ވެސް އެޕަލްއާ ގުޅޭނެކަން ވަނީ ހާމަވެފަ އެވެ. އެޕަލް ގައި އެ މީހުން ސިރީ އަށް ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ. މައިގަނޑު އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް އެވެ. ބެލެވޭ ގޮތުގައި ސިރީ ދެން ފެންނާނީ ދުރު ވިސްނޭ އުފެއްދުމެއް ގޮތުގަ އެވެ.