އެޕަލް ދެކޭ ގޮތުގައި ސިރީ އަށް ވުރެ ކުޅަދާނަ "ޑިޖިޓަލް އެސިސްޓެންޓް"އެއް ދުނިޔެއަކު ނެތެވެ. އެންމެ ގިނަ މީހުން ބޭނުންކުރަނީ ވެސް އެ އެވެ. އެކަމަކު އެމެޒޯން އެލެކްސާ ބޭނުންކުރާ މީހުން އެ ކަމަށް އިންކާރުކުރެ އެވެ. ސިރީ ބޭނުންކުރި މީހަކު ގޫގުލް އެސިސްޓެންޓް ބޭނުންކުރި ނަމަވެސް، އެ ކަމަށް އެއްބަހެއް ނުވާނެ އެވެ.

ސިރީ އަށް ބާރުތަކެއް ދިނުމަށްޓަކައި އަދި ބޭނުންކުރާ މީހުންނަށް ލުއިފަސޭހަކޮށްދިނުމަށްޓައި، އެޕަލް އިން އައިއޯއެސް 12 ގައި އާ އެޕްލިކޭޝަނެއް ހިމަނަން ވަނީ ތައްޔާރުވެފަ އެވެ. އެ އެޕްލިކޭޝަނަށް ކިޔަނީ "ޝޯޓްކަޓްސް" އެވެ.

ޝޯޓްކަޓްސް ވުޖޫދުވެ ބަޔަކަށް ކަމެއް ކޮށްދިނުމުގެ ކުރިން މި އޮތީ ޕްރެޝަރުގައި ޖެހިފަ އެވެ. ޝޯޓްކަޓްސް ރަމްޒުކޮށްދޭ "އައިކަން" އަކީ އެހެން ބައެއްގެ އުފެއްދުމެއް ނަކަލުކޮށްފައިވާ ކުރެހުމެއް ކަމަށް ބުނެ، "ޝިފްޓް" ނަމަކަށް ކިޔާ ކުންފުންޏަކުން ވަނީ ހަޅޭއްލަވައިގެންފަ އެވެ.

ޝިފްޓް ކުންފުނި ރަމްޒުކޮށްދޭ ލޯގޯ ޑިޒައިންކޮށްފައި ވަނީ ދެ ހަތަރެސްކަން، އެކަތި އަނެކަތީގެ މައްޗަށް ފުށުއަރުވައިގެންނެވެ. ސިފަކުރުވަނީ "އެސް" އަކުރެކެވެ. އެޕަލް އިން ވެސް ކޮށްފައި ވަނީ ދާދި އެއް ކަމެކެވެ. ދެ ކުރެހުމެއް ފުށުއަރުވައި އެސް އަކުރެއް ސިފަކުރުމެވެ. އެކަމަކު އެޕަލްގެ ލޯގޯގައި އުޅޭ މައްސަލަ އަކީ ޝިފްޓްގެ ލޯގޯއާ ވަރަށް ވައްތަރުވުމެވެ. އެޕަލް އިން ބޭނުންކޮށްފައި ވަނީ ވެސް ހަމަ އެއް ކުލަތަކެކެވެ.

މި މައްސަލާގައި ޝިފްޓް އިން ވަނީ އެޕަލް އަށް ސިޓީއެއް ފޮނުވާފަ އެވެ. އެޕަލް އިން ތައްޔާރުކުރާ ޝޯޓްކަޓްސް އެޕް އައިކަން އަކީ ޝިފްޓް އަށް ނިސްބަތްކުރެވޭ ކުރެހުމެއް ކަމަށް ބުނެ އެވެ. އެހެންކަމުން އެޕަލް އަށް އޮތް އިޚުތިޔާރަކީ އެ ލޯގޯ ބޭނުންކުރުން ހުއްޓާލުމެވެ. ނޫން ނަމަ ޝިފްޓް އަށް 200،000 ޑޮލަރު ދެއްކުމެވެ. ނޫން ނަމަ ކޯޓަށް ގޮސް ގަދަބެލުމެވެ.