މާދަމާއިން ފެށިގެން ދުވާލު ގަޑީގައި ކޮވިޑް ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެ އެޖެންސީން މިރޭ ބުނީ މާލޭގެ ތިން ސެންޓަރަކުން ހެނދުނު 9:00-11:00 އަށް ސައިނޯފާމް ވެކްސިންގެ ފުރަތަމަ އަދި ދެ ވަނަ ޑޯޒް ޖަހައިދޭނެ ކަމަށެވެ. ދެ ވަނަ ޑޯޒް ދޭނީ މާޗު 22 - އޭޕްރީލް 10 ވަނަ ދުވަހާ ދޭތެރޭގައި ވެކްސިން ޖަހާފައިވާ މީހުންނަށެވެ.

އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ހުއްދަދީފައިވާ ޗައިނާގެ ސައިނޯފާމް ވެކްސިން ޖަހައިދޭނީ ނޭޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތު ސެންޓަރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ.

އެޗްޕީއޭއިން ވަނީ ވީހާ ވެސް ލަހުން ހާރު ކެއުމަށްފަހު ވެކްސިން ޖެހުމަށް އަވަހަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ރޯދަ މަސް ފެށުނީއްސުރެ ވެކްސިން ޖަހައިދެމުން އައީ ރޭގަނޑު އެކަންޏެވެ. އެހެންވެ މީހުން ގިނަވުމުން އެއްބަޔަކު ރޯދަ ވިއްލީ ވެސް ވެކްސިން ޖެހުމަށް ހަދާފައިވާ ކިއުގައި ތިބެގެންނެވެ. އެ އަށްފަހު އެޗްޕީއޭއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ވަގުތު ގޮތުން ހުއްޓާލައިފަ އެވެ.

މިހާތަނަށް 300،189 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިއިރު 123،581 މީހުން ދެ ޑޯޒް ފުރިހަމަކޮށްފައި ވެ އެވެ.